ވިޔަފާރި

ރިސޯޓް ލައިފާއި ގުޅިގެން ރަޝިޔާގެ ރެޑް ވިންގްސް އަދި ނޯޑް ވިންޑުގެ ދަތުރުތައް ރާއްޖެއަށް


ރަޝިއާގެ ރެޑް ވިންގްސް އަދި ނޯޑް ވިންޑު އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

މި ދެ އެއަލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ރަޝިއާގައި ޓުއަރ އޮޕަރޭޓަރ ޙިދުމަތްދޭ ދިވެހި ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފާއި ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ރިސޯޓު ލައިފުގެ ސީއީއޯ މުޙައްމަދު ޝާޒް ވަލީދު ވިދާޅުވީ ރާއްޖެއަށް ދަތުރުތައް ފެށުމަށް ދެ އެއަރލައިނުންވެސް އެއްބަސްވެފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ދަތުރުތައް ފެށުމަށް ބޭނުންވާ ހުއްދަތައް ނެގުމުގެ މަސައްކަތްތައް ކަމަށެވެ.

"ރަޝިއާގެ ސަރުކާރުން ފްލައިޓް އޮޕަރޭޝަންސްއަށް ބޭނުންވާ ހުއްދަތައް ނެގުމުގެ މަސައްކަތްކުރަމުންދަނީ، ޔަޤީންކަން އެބައޮތް ދިވެހި ސަރުކާރުން އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި، ވަރަށް އަވަހަށް ހުއްދަތައް ދެއްވާނެ ކަން، މިހާރު މިބަލަނީ އޮގަސްޓުގަވެސް ރަޝިއާއިން ހުއްދަ ލިބިއްޖެ ނަަމަ ދަތުރުތައް ފަށާނަން އޮގަސްޓުގައި،" ވަލީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ހިމެނޭހެން މިމަހުގެ 21 އަދި 22 ވަނަ ދުވަހު ވަނީ ނޯޑް ވިންޑް އަދި ވެޑް ވިންގްސް އެއަރލައިންސް އާއި ރިސޯޓް ލައިފުން ބައްދަލުވުންތައް ބާއްވާފައެވެ. ވަލީދު ވިދާޅުވީ ސަރުކާރުގެވެސް އެދުމުގެ މަތިން ރަޝިއާއިން އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ކުރުމަށްވެސް ރިސޯޓް ލައިފުން މަސައްކަތްކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ދާދި އަވަހަށް ރާއްޖޭގެ ސައުތަށް ދަތުރުތައް ފެށުމަށް، ހަފްތާއަކު އެއް ފްލައިޓު ނަމަވެސް މި ސީސަން ތެރޭ ފެށޭވަރުވާނެ ކަމަށް މި ބަލަނީ،" ވަލީދު ވިދާޅުވިއެވެ.

ރިސޯޓް ލައިފްއަކީ ރަޝިއާއިން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ގެންނަ އެއް ޓުއަރ އޮޕަރޭޓަރެވެ. އެކުންފުނިން ވަނީ މިއަހަރު ނިމޭއިރު ރަޝިއާއިން ރާއްޖެއަށް 3 ލައްކައާއި 5 ލައްކައާއި ދެމެދުގެ އަދަދަކަށް ފަތުރުވެރިން ގެނައުމަށް އަމާޒެއް ކަނޑައަޅާފައެވެ. އަދި ދިވެހި ސަރުކާރާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ފަރާތުން މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު އެ އަމާޒް ހާސިލް ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށްވެސް ޝާޒް ވިދާޅުވިއެވެ.

ރަޝިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 139955 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަަށް ޒިޔާރަތްކޮށްފައިވާ މުޅި ޖުމްލަ ފަތުރުވެރިންގެ 23.8 އިންސައްތައެވެ.