ދުނިޔެ

އައި.އެމް.އެފްގެ ކަރަންސީ ރިޒާވްގައި ޗައިނާ ޔޫއާން ހިމަނަނީ


ބައިނަލްއަޤްވާމީ މާލީ އިދާރާ އައި.އެމް.އެފްގެ
ރިޒާވް ފައިސާ ފަންޑުގައި ޗައިނާގެ ފައިސާ ޔޫއާން ހިމެނުމަށް އެއިދާރާއިން
ނިންމައިފިއެވެ.



އައި.އެމް.އެފްއިން ބުނެފައިވަނީ މި ފަންޑުގައި ޗައިނާގެ
ފައިސާ ހިމެނުމަށް ނިންމީ، މިކަމާ ގުޅޭ ހުރިހާ ޝަރުތުތަކެއް ޗައިނާއިން ފުރިހަމަ
ކުރުމާ ގުޅިގެން ކަމަށެވެ.



އައި.އެމް.އެފްގެ ރިޒާވް ފަންޑްގައި މިހާރު ހިމެނެނީ
ޑޮލަރާ، ޔޫރޯ، ޕައުންޑް އަދި ޖަޕާނު ފައިސާ ޔެން އެވެ.



އައި.އެމް.އެފްގެ މި ނިންމުމާ ބެހޭ ގޮތުން
އެއިދާރާގެ އިސްވެރިޔާ ކްރިސްޓީން ލަގާރޑް ވިދާޅުވީ، ރިޒާވް ފަންޑުގައި ޔުއާން
ހިމެނުމަކީ ބައިނަލްއަޤްވާމީ މާލީ ނިޒާމުގައި ޗައިނާގެ އިޤްތިސާދުގެ
ބައިވެރިކުރުވުން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ
އަހަރުތަކުގައި ޗައިނާގެ އިޤްތިސާދު ހަރުދަނާ ކުރުމަށް އެގައުމުގެ ސަރުކާރުން
އަޅާފައިވާ ބިނާކުރަނިވި ފިޔަވަޅުތައް ބަލައިގަންނަން ކަން ދައްކުވައިދޭ
ނިންމުމެއް ކަމަށް ވެސް އައި.އެމް.އެފްގެ އިސްވެރިޔާ ލަގާރޑް ވިދާޅުވިއެވެ.