ދުނިޔެ

އަންހެނުން ބައިވެރިވާ ފުރަތަމަ އިންތިޚާބަށް ސައުދީން ތައްޔާރު


ސައުދީ ޢަރަބިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް
އަންހެނުން ބައިވެރިވާ އަދި ވާދަކުރާ އިންތިޚާބުގެ ކެމްޕޭނުގެ ކަންކަން ފޯރިއާއެކު
ކުރިއަށް އެބަދެވެ.



މިމަހުގެ 12 ވަނަ ދުވަހު ސައުދީގައި ބާއްވާ ޢާއްމު
އިންތިޚާބުގައި 900 އަށް ވުރެ ގިނަ އަންހެނުން ވާދަކުރާނެ ކަމަށް ބެލެވެއެވެ. މި އިންތިޚާބުގައި އެގައުމުގެ 1.7 މިލިއަން މީހުން ވޯޓުލާނެ
ކަމަށް ބެލެވޭ އިރު މިއީ ސައުދީގެ ތާރީޚުގައި އަންހެނުންނަށް ވޯޓު ދިނުމުގެ ހައްޤު
ލިބޭނެ ފުރަތަމަ އިންތިޚާބެވެ.



މި އިންތިޚާބުގައި ވާދަކުރާ ގިނަ އަންހެނުން ބުނީ
ކެމްޕޭން ކުރުމުގެ މަސައްކަތްތަކަށް ހުރަސްތައް ހުރި ކަމަށާ އެހެން ނަމަވެސް ގިނަ
ހަރަކާތްތައް ކުރިއަށް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ.



އަންހެނުންނަށް ވޯޓު ދިނުމާ އިންތިޚާބުގައި
ވާދަކުރުމުގެ ހައްޤު ލިބޭ ގޮތަށް ހަމަޖެއްސެވީ ސައުދީ ޢަރަބިއްޔާގެ ކުރީގެ
ރަސްގެފާނު އަބްދުﷲ ބިން ޢަބްދުލް ޢަޒީޒެވެ.