ޚަބަރު

ކުލަ ގަދަ ރަސްމިއްޔާތަކުން ޓޯކިޔޯ އޮލިމްޕިކްސް ފަށައިފި


ކުލަ ގަދަ ރަސްމިއްޔާތަކުން ޓޯކިޔޯ އޮލިމްޕިކްސް ފަށައިފިއެވެ.

މިފަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް ވަރަސް ގިނަ ގޮތް ގޮތުން ތަފާތެވެ. ޕެންޑެމިކެއްގެ ތެރޭގައި ގޭމްސް ކުރިއަަށްދާއިރު، މިފަހަރުގެ ގޭމްސްގައިވަނީ 5 ކުޅިވަރެއް އަލަށް ހިމަނާފެއެވެ. ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ޤައުމީ ދިދަ އުފުލާފައިވަނީ ޤައުމީ ބެޑްމިންޓަން ޓީމުގެ އަންހެން ކުޅުންތެރިޔާ ފާތިމަތު ނަބާހާ ޢަބްދުލްރައްޒާޤު (ނަބާ) އަދި ޤައުމީ ސްވިމިންގް ޓީމުގެ މުބާލް އައްޒާމް އިބްރާހިމްއެވެ. މިފަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރަނީ އެތްލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިންގައެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ތިން ކުޅިވަރެއްގައި ވާދަކުރާއިރު ސްވިމިންގައި ވާދަކުރާ މުބާލް އައްޒާމް އިބްރާހިމް ވާދަކުރާނީ 100 މީޓަރު ފްރީ ސްޓައިލްގައެވެ. މުބާލް ބައިނަލްއަޤްވާމީ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، 15 ޤައުމީ ރެކޯޑެއްވަނީ މުގުރާލާފައެވެ.

އައިޝަތު ސާޖިނާ ވާދަކުރާނީ 200 މީޓަރު ބްރެސްޓް ސްޓްރޯކްގައެވެ. ސާޖިނާވަނީ ރާއްޖެއަށް ބައިނަލްއަޤްވާމީ މުބާރާތަކުން 2 ސިލްވަރ މެޑަލް އާއި 1 ބްރޯންޒް މެޑަލް ހޯދާދީފައެވެ.

ބެޑްމިންޓަންއިން މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާ ނަބާ ލައްވާލާފައިވަނީ ވަރުގަދަ ގްރޫޕެއްގައެވެ. ނަބާ ހިމެނޭ ގްރޫޕް ޖީގައި އޮތީ ސިންގަލްސް ކެޓެގަރީން ދުނިޔޭގެ ރޭންކިންގެ 9 ވަނައިގައި އޮތް ޗައިނާގެ ހީ ބިންގްޖިއާއޯއާއި ދުނިޔޭގެ ރޭންކިންގް 111 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއިއެވެ. ސިންގަލްސް ބައިން ނަބާގެ ރޭންކިން އަކީ ދުނިޔޭގެ 252އެވެ. ބެޑްމިންޓަންގެ ކޮންމެ ގްރޫޕަކުން އެއްވަނަ އަނެއް ބުރަށް ހޮވޭނެއެވެ. ނަބާވަނީ ރާއްޖެއަށް 2 ގޯލްޑް މެޑަލްއާއި 4 ސިލްވަރ އަދި 8 ބްރޯންޒް މެޑަލް ހޯދާދީފައެވެ.

2016ވަނަ ވަނަ އަހަރުގެ އޮލިމްޕިކްސްގައިވެސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ. މިފަހަރުގެ އޮލިންޕިކްސްގައި ސާއިދު ދުވުމަށް ހަމަޖެހިފައިވަނީ 100 މީޓަރުގައެވެ. ސާއިދުވަނީ މިހާތަނަށް ރާއްޖެއަށް 3 ގޯލްޑް މެޑަލްއާއި 2 ސިލްވަރ މެޑަލްއާއި 4 ބްރޯންޒް މެޑަލް ހޯދާދީފައެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ ތަޖުރިބާކާރު ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު)އެވެ. އޭނާއަށް މި ފުރުސަތު ދިނީ އިންޓަނޭޝަނަލް ފެޑެރޭޝަނުންނެވެ. އޭނާއަށް މި ފުރުސަތު ލިބުނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ކޮށްފައިވާ މަސައްކަތްތަށް ރަނގަޅު ވުމުންނެވެ.

މިފަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި އަލަށް ހިމަނާފައިވާ 5 ކުޅިވަރަކީ ކަރާޓީއާއި ސުކޭޓްބޯޑިންނާއި ސުޕޯޓްސް ކުލަނއިބިންނާއި ސަރފިންނާއި ބޭސްބޯލެވެ. ޓޯކްޔޯ އޮލިމްޕިކްސްގައި 33 ކުޅިވަރަކުން 339 އިވެންޓުގައި ވާދަކުރާނެއެވެ. އެ އިވެންޓުތަކުގައި 11،000އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާނެއެވެ.