ޚަބަރު

އިންޑިއާ، ނޭޕާލް އަދި ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކޮށްފި


ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް އިންޑިއާ، ނޭޕާލް އަދި ރާއްޖެއިން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބާއްވަން މަސައްކަތްކޮށްފައިވާ މުބާރާތެކެވެ. ކޯވިޑާް-19އާއި ގުޅިގެން މިދިޔަ އަހަރު މުބާރާތް ނުބޭއްވުމުގެ ސަބަބުން މިއަހަރަށް ފަސްކުރީއެވެ. މިއަހަރުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައި، ބަންގްލަދޭޝްގައެވެ. ނަމަވެސް ބަންގްލަދޭޝްގައި ކޯވިޑް-19ގެ ޙާލަތު އޮތް ގޮތުން އެ ޤައުމުގައި މުބާރާތް ބޭއްވުމާއިމެދުވަނީ ސުވާލު އުފެދިފައެވެ. ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން(ސާފް)ން ވަނީ ސާފްގެ ޤައުމުތަކުގެ މެދުގައި ޒޫމް ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ބޭއްވި ބައްދަލުވުމެކެވެ. ޒޫމް މީޓިންގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލްކޮށްފައިވީނަމަވެސް، އެ ޤައުމުން މުބާރާތް ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިންޑިއާ، ނޭޕާލް އަދި ރާއްޖެއިންވަނީ މުބާރާތް ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

މީގެ އިތުރުން، ކުރިން ސެޕްޓެމްބަރ މަހު މުބާރާތް ބޭއްވުމަށް ނިންމާފައިވީ ނަމަވެސް ސާފްގެ ޒޫމް މީޓީންގައިވަނީ އޮކްޓޯބަރ މަހުގެ ކުރީކޮޅުގައި މުބާރާތް ބޭއްވުމަށް ނިންމާފައެވެ. ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން މިއަންނަ އޯގަސްޓް މަހުގެ ކުރީކޮޅުގައި މުބާރާތް ބާއްވާނެ ޤައުމެއް ނިންމާނެކަމަށްވެސް އެ ޖަމިއްޔާއިންވަނީ ބުނެފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ މީގެ ކުރިން އަވައްޓެރި ސްރީލަންކާއާއި ގުޅިގެން މުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ސްރީ ލަންކާއިންވެސް މިކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، އެޤައުމާއެކު ކޮންމެވެސް ވަރަކަށް މަޝްވަރާވެސްކޮށްފައިވާ ކަމަށް އެފްއޭއެމުން މަޢުލޫމާތުދީފައިވެއެވެ. ބައްސާމް ވިދާޅުވީ މިކަމުގައި ކުރިއަށް ދެވޭނީ ސަރުކާރާއެކު މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ.

މާލޭގައި މިއަންނަ މަހު ފަށާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕްގެ މެޗްތައް ބާއްވަން އޭއެފްސީންވަނީ ނިންމާފައެވެ.