ދުނިޔެ

ކޮޕް-21 ސަމިޓް- ދުނިޔޭގެލީޑަރުންގެ ކަންބޮޑުވުން ތަކެއް


ފަރަންސޭސިވިލާތުގެ ޕެރިހުގައި އިއްޔެ ފެށި މޫސުމާ ބެހޭ އދގެ ސަމިޓް 'ކޮޕް-ޓުވެންޓީ ވަން' ސަމިޓްގައި 190 އަށް ވުރެ ގައުމު ތަމްސީލުކުރާ އިރު، 150 އަށް ވުރެ ގިނަ ގައުމުގެ އިސްވެރިން ސަމިޓްގައި ވަނީ ބައިވެރިވަޑައިގެންފައެވެ. މީގެ ތެރެއިން ގިނަ ލީޑަރުން އިއްޔެ ސަމިޓްގައި ވަނީ ތަޤްރީރުކުރައްވާފައެވެ.މި ގޮތުން، ސަމިޓްގައި ތަޤްރީރުކުރައްވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން ދުނިޔެ ސަލާމަތް ކުރަން ޖެހޭ ކަން ހުރިހާ ގައުމަކުން ވެސް މިހާރު ޤަބޫލުކުރ ކަމަށެވެ. އަދި މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ވެސް ހުރިހާ ގައުމަކުން ވެސް މިހާރު އިއްތިފާޤު ވާ ކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ.އޮބާމާ ވަނީ ދުނިޔެ ހޫނުވުމުގެ މައްސަލައިގައި އެމެރިކާއިން ނަގަން ޖެހޭ ޒިންމާ އެގައުމުން ޤަބޫލުކުރާ ކަމަށާ މިކަން ހައްލުކުރުމަށް އެގައުމަށް އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ވެސް އެމެރިކާއަށް ވިސްނޭ ކަމަށް ވެސް ވިދާޅުވެފައެވެ.ކޮޕް-ޓުވެންޓީ ވަން ސަމިޓަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި މުހިއްމު އެއްބަސްވުމެއް އެކުލަވާލާނެ ސަމިޓެއް ކަމަށް ބެލެވޭ އިރު، މި އެއްބަސްވުން ވާން ޖެހޭނީ ޤާނޫނީ ގޮތުން ޢަމަލުކުރުން ލާޒިމް އެއްބަސްވުމަކަށް ކަމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕޫޓިން ވަނީ ވިދާޅުވެފައެވެ.އަދި މި އެއްބަސްވުން ވާން ޖެހޭނީ ތަރައްޤީވެފައިވާ ގައުމުތަކާ ތަރައްޤީވަމުން އަންނަ ގައުމުތަކަށް ހަމަހަމަ އެއްބަސްވުމަކަށް ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ. އެހެން ނަމަވެސް، ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގް ވިދާޅުވީ ދުނިޔެ ހޫނުވުމުގެ މައްސަލައިގައި ދުނިޔޭގެ މުއްސަނދި ގައުމުތަކުން އުފުލަންޖެހޭ ޒިންމާ ބޮޑުވާނެ ކަމަށެވެ.އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ތަރައްޤީވަމުން އަންނަ ގައުމުތައް ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކާމިޔާބުކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވެސް ޝީ ވިދާޅުވިއެވެ. ޗައިނާގެ ރައީސް ވަނީ ދުނިޔޭގެ ފަޤީރު ގައުމުތަކަށް ކުރިމަތިވާ އެކި އެކި މައްސަލަތަކުން ސަލާމަތްވުމަށް އަހަރަކު 100 ބިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް ބުނެ މުއްސަނދި ގައުމުތަކުން ކޮށްފައިވާ ވަޢުދު ގެމަތިން ހަނދާން ކުރުމަށް ވެސް ގޮވާލައްވާފައެވެ.ޝީ ވަނީ 2030 ވަނަ އަހަރާ ހަމައަށް ޗައިނާއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރާނެ ކަމަށް ބުނެ ޗައިނާއިން ކޮށްފައިވާ ވަޢުދުގެ ކަންކަން ހާސިލްކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ޗައިނާއިން ކުރާ ޚަރަދުވެސް ވަރަށް ބޮޑުތަނުން އިތުރު ކޮށްފައިވާ ކަންވަނީ ހާމަ ކުރައްވާފައެވެ.