ޚަބަރު

ރެކޯޑް އަގަކަށް ކޭން ވިއްކާލަނީ


ޕްރިމިއަރ ލީގުގެ ރެކޯޑް ފީއަކަށް ޓޮޓްނަމް ހޮޓްސްޕާގެ ހެރީ ކޭން މެންޗެސްޓަރ ސިޓީއަށް ބަދަލުވާން އުޅޭކަމަށް މީޑިޔާ ތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.

ނިމިގެންދިޔަ ޕްރިމިއަރ ލީގު ސީޒަން ނިމުމާއެކު ހެރީ ކޭންވަނީ ޓޮޓްނަމް ދޫކޮށްލަން ބޭނުންވާކަމަށް ބުނެފައެވެ. މީގެ އެންމެ ބޮޑު ސަބަބެއްކަމަށް މީޑިޔާ ތަކުން ރިޕޯޓުކޮށްފައިވަނީ ޓޮޓްނަމް ހޮޓްސްޕާއާއެކު ކޭންއަށް ތައްޓެއް ނުލިބޭތީއެވެ. ނަމަވެސް ކޭން ދޫކޮށްލަން ޓޮޓްނަމުން ބޭނުމެއް ނުވެއެވެ. އެ ޓީމުގެ ކޯޗް ނޫނޯވެސްވަނީ ކޭންއަކީ ޓޮޓްނަމްގެ ކުޅުންތެރިއެއްކަމަށް ބުނެފައެވެ. އަދި ޗުއްޓީ ނިންމާލުމަށްފަހު ކޭން އެބުރި އައުމުން އޭނާއާއި ވާހަކަދައްކާނެކަމަށްވެސް ކޯޗް ނޫނޯ ބުންޏެވެ. ޓޮޓްނަމް ހޮޓްސްޕާގެ ޗެއަރމަން ޑެނިއަލް ލިވީވެސް މީގެ ކުރިން ކޭން ވިއްކުމަށް ދެކޮޅު ހެދި ނަމަވެސް މިހާރު އޭނާވެސް ކޭން ވިއްކާލުމަށް އާނއެކޭ ބުނެފައިވާކަމަށް މީޑިޔާ ތަކުން ރިޕޯޓު ކުރެއެވެ.

މީޑިޔާ ތަކުން ރިޕޯޓު ކުރާ ގޮތުގައި މެންޗެސްޓަރ ސިޓީން ކޭން ގަތުމަށް 140 މިލިއަން ޑޮލަރު ޓޮޓްނަމް ހޮޓްސްޕާއަށް ހުށައަޅާފައިވެއެވެ. ނަމަވެސް ރަސްމީކޮށް ކޭން ބަދަލުވުމުގެ ވާހަކަތައް ފެށިފައިވާކަމަށް އެކުލަބުންވެސް ބުނެފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޓޮޓްނަމުން ކޭން ދޫކޮށްލަން ބޭނުންވަނީ 200 މިލިއަން ޑޮލަރަށެވެ. ކޭން ގަތުމަށް ސިޓީން ރަހީމް ސްޓާލިން ނުވަތަ ގަބްރިއެލް ޖެސޫސް، ޓޮޓްނަމްއަށް ދޫކޮށްލަފާނެކަމަށްވަނީ ބެލެވިފައެވެ.