ޚަބަރު

ޕީއެސްޖީއިން ޕޮގްބާ ހޯދުމަށް މަސައްކަތް ފަށައިފި


މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދުމަށް ޕީއެސްޖީން 68 މިލިޔަން ޑޮލަރު ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ކުރިން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ޔުނައިޓެޑުގައި ޕޮގްބާ މިހާރު ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި، ބޭނުންވާ ވަރަށް އޭނާއަށް މިހާރު ޔުނައިޓެޑުގައި ނުކުޅެވޭ ކަމަށް ބުނެފައެވެ. އަދި އެއީ އޭނާވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، އެހެންކަމުން ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާން ޖެހޭ ކަމަށްވެސް ބުންޏެވެ. ޕޮގްބާ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ މި އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ނަމަވެސް ޔުނައިޓެޑުން ބޭނުންވާނަމަ އިތުރު އެއް އަހަރަށް ޕޮގްބާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮތުމުން، އެ ފުރުސަތުގެ ބޭނުން ހިފައި އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޕޮގްބާ ޔުނައިޓެޑުގައި ބެހެއްޓުމަށް އެ ޓީމުން ވަނީ ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕޮގްބާ ޕީއެސްޖީއަށް ގެންދަން އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭނުންވެއެވެ. އެހެންކަމުން ޕޮގްބާ ހޯދުމަށް ޕީއެސްޖީން މަސައްކަތްކުރަމުން އަންނައިރު، ޕޮގްބާ ގަތުމަށް ޕީއެސްޖީން 68 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ޕޮގްބާގެ ވިސްނުން ހުރީ މި ޓްރާންސްފާގައި ކުލަބު ބަދަލުނުކޮށް، އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ކުލަބު ބަދަލުކުރުމަށް ކަމަށްވެސް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.