ޚަބަރު

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ނަބާ އަދި މުބާލް


މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ޝަރަފު ޤައުމީ ބެޑްމިންޓަން ޓީމުގެ އަންހެން ކުޅުންތެރިޔާ ފާތިމަތު ނަބާހާ ޢަބްދުލްރައްޒާޤު (ނަބާ) އަދި ޤައުމީ ސްވިމިންގް ޓީމުގެ މުބާލްއަށް ލިބިއްޖެއެވެ.

މިފަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރަނީ އެތްލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިންގައެވެ. މީގެ ކުރިން ބެޑްމިންޓަނުން 2012ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކޮށްފައިވަނީ މުހައްމަދު އަޖުފާން ރަޝީދުއެވެ. ނަބާއަކީ ރާއްޖޭގެ ތާރީޚުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަމަ އަންހެން އެތްލީޓެވެ. އާންމު ގޮތެއްގައި ބޮޑެތި ގޭމްސްތަކުގައި ޤައުމުގެ ދިދަ އުފުލަނީ އެންމެ އެތްލީޓެކެވެ. ނަމަވެސް އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީންވަނީ ހަމަހަމަކަން ގެންގުޅުމުގެ ގޮތުން މިފަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް ޤައުމުތަކުގެ ދިދަ އުފުލުމަށް ދެ އެތްލީޓުން ހަމަޖެއްސުމަށް އަންގާފަގައެވެ.

މީގެ އެންމެ ބޮޑު ބޭނުމަކީ އަންހެން އެތްލީޓުންނާއި ފިރިހެން އެތްލީޓުންގެ މެދުގައި ހަމަހަމަކަން ގެންގުޅުމެވެ. ޓޯކިޔޯ އޮލިމްޕިކްސްގެ ވިލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ނަބާ އަދި މުބާލްއަށް މި ދިދަ ޙަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޢަބްދުލްސައްތާރުއެވެ. ރަސްމީކޮށް މާދަމާ ޓޯކިޔޯ އޮލިމްޕިކްސް ފެށުމަށް ހަމަޖެހިފައިވީނަމަވެސް، މީގެ ދެ ދުވަސްކުރިން ބައެއް އިވެޓްތައް ފެށިގެން ކުރިއަށް އެބަދެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ޢީދު އޮލިމްޕިކްސްގައި ރާއްޖެއިން މިގޭސްގައި ބައިވެރިވާ ކޮންޓިންޖެންޓުގެ ޝެފް ޑި މިޝަންއަކަށް ހަމަޖައްސާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް (މުންތޭ)އެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ތިން ކުޅިވަރެއްގައި ވާދަކުރާއިރު ސްވިމިންގައި ވާދަކުރާ މުބާލް އައްޒާމް އިބްރާހިމް ވާދަކުރާނީ 100 މީޓަރު ފްރީ ސްޓައިލްގައެވެ. މުބާލް ބައިނަލްއަޤްވާމީ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، 15 ޤައުމީ ރެކޯޑެއްވަނީ މުގުރާލާފައެވެ.

އައިޝަތު ސާޖިނާ ވާދަކުރާނީ 200 މީޓަރު ބްރެސްޓް ސްޓްރޯކްގައެވެ. ސާޖިނާވަނީ ރާއްޖެއަށް ބައިނަލްއަޤްވާމީ މުބާރާތަކުން 2 ސިލްވަރ މެޑަލް އާއި 1 ބްރޯންޒް މެޑަލް ހޯދާދީފައެވެ.

ބެޑްމިންޓަންއިން މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާ ނަބާ ލައްވާލާފައިވަނީ ވަރުގަދަ ގްރޫޕެއްގައެވެ. ނަބާ ހިމެނޭ ގްރޫޕް ޖީގައި އޮތީ ސިންގަލްސް ކެޓެގަރީން ދުނިޔޭގެ ރޭންކިންގެ 9 ވަނައިގައި އޮތް ޗައިނާގެ ހީ ބިންގްޖިއާއޯއާއި ދުނިޔޭގެ ރޭންކިންގް 111 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއިއެވެ. ސިންގަލްސް ބައިން ނަބާގެ ރޭންކިން އަކީ ދުނިޔޭގެ 252އެވެ. ބެޑްމިންޓަންގެ ކޮންމެ ގްރޫޕަކުން އެއްވަނަ އަނެއް ބުރަށް ހޮވޭނެއެވެ. ނަބާވަނީ ރާއްޖެއަށް 2 ގޯލްޑް މެޑަލްއާއި 4 ސިލްވަރ އަދި 8 ބްރޯންޒް މެޑަލް ހޯދާދީފައެވެ.

2016ވަނަ ވަނަ އަހަރުގެ އޮލިމްޕިކްސްގައިވެސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ. މިފަހަރުގެ އޮލިންޕިކްސްގައި ސާއިދު ދުވުމަށް ހަމަޖެހިފައިވަނީ 100 މީޓަރުގައެވެ. ސާއިދުވަނީ މިހާތަނަށް ރާއްޖެއަށް 3 ގޯލްޑް މެޑަލްއާއި 2 ސިލްވަރ މެޑަލްއާއި 4 ބްރޯންޒް މެޑަލް ހޯދާދީފައެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ ތަޖުރިބާކާރު ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު)އެވެ. އޭނާއަށް މި ފުރުސަތު ދިނީ އިންޓަނޭޝަނަލް ފެޑެރޭޝަނުންނެވެ. އޭނާއަށް މި ފުރުސަތު ލިބުނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ކޮށްފައިވާ މަސައްކަތްތަށް ރަނގަޅު ވުމުންނެވެ.