ޚަބަރު

އޮސްޓުރޭލިޔާގެ ޙާލަތު ގޯސްވެ ބޮޑުވަޒީރު މަޢާފަށް އެދިވަޑައިގެންފި


އޮސްޓުރޭލިޔާގައި ވެކްސިން ދިނުމުގެ މަޝްރޫޢު އެންމެ އެދެވިގެންވާ ދުވެލީގައި ކުރިޔަށް ނުގެންދެވޭކަމަށް ވިދާޅުވެ އެ ޤައުމުގެ ބޮޑުވަޒީރު ސުކޮޓު މޮރިސަން މަޢާފަށް އެދިވަޑައިގެންފިއެވެ. އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައިވަނީ 16 މަސްދުވަހަށްފަހު އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުގެ ކޯވިޑް-19ގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި އެންމެ ކާމިޔާބު ފިޔަވަޅުތަކެއް އަޅާފައިވަނީ އޮސްޓުރޭލިޔާގައެވެ. ނަމަވެސް ބަލިމަޑުކަމުގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރުން ހުއްޓުވުމުގައި އެ ޤައުމަށް އެދެވޭ ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ. އެ ގޮތުން އެ ޤައުމުގެ 25 މިލިޔަން މީހުންގެ ދެބައިކުޅަ އެއްބައި ފުރަބަންދުކުރި ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ބަލިމަޑުކަން ފެތުރުން އިތުރުވާނެކަމުގެ އިންޒާރު އެ ޤައުމުގެ ޞިއްޙީ މާހިރުންވަނީ ދީފައެވެ.

އޮސްޓުރޭލިޔާގައި އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމަށް ދުވާލެއްގެ މައްޗަށް 220 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބެމުންދާކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ. ނަމަވެސް އެ ޤައުމުގައި ވެކްސިން ޖަހާފައިވާ މީހުންގެ ޢަދަދު މަދުވުމުން ރައްކާތެރި ފިޔަވަޅުތަކަށް އަވަސް ލުއިތަކެއް ދޭނެކަމަކަށް ނުބެލެވެއެވެ. އެ ޤައުމުގައި މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައިވަނީ ވެކްސިން ޖެހޭ އާބާދީގެ އެންމެ 15 އިންސައްތަ މީހުންނެވެ. އެ ގޮތުން އެ ޤައުމުގައި ދުވާލެއްގެ މައްޗަށް ދެމުންދަނީ ވެކްސިންގެ 150،000 ޑޯޒެވެ. އެއީ ކުރިއަރާފައިވާ ޤައުމުތަކުގައި ވެކްސިން ޖަހަމުންދާ ނިޞްބަތަށްވުރެ ވަރަށް ދަށް ޢަދަދެކެވެ.