ޚަބަރު

ޒޫމާ ޖަލަށްލުމުން ހިންގި ހަމަނުޖެހުންތަކުގައި 276 މީހުން މަރުވެއްޖެ


ފާއިތުވި 2 ހަފުތާގެ ތެރޭގައި ދެކުނު އެފްރިކާގައި ހިންގަމުންދާ ބޮޑެތި ހަމަނުޖެހުންތަކުގައި 276 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ދެކުނު އެފްރިކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވަނީ އެ ޤައުމުގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ 15 މަސް ދުވަހަށް ޖަލުގައި ބަންދުކުރުމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން ޙުކުމުކުރުމުންނެވެ. 2009ވަނަ އަހަރުން 2018ވަނަ އަހަރަށް ދެކުނު އެފްރިކާގެ ވެރިކަންކުރެއްވި ޒޫމާ ޖަލުގައި ބަންދުކުރުމަށް ޙުކުމުކޮށްފައިވަނީ ޚީޔާނާތުގެ ތަޙްޤީޤަށް އޭނާ އެއްބާރުލުން ނުދެއްވުމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކުރި ތަޙްޤީޤަށް މަޢުލޫމާތު ދެއްވުމަށް ވަޑައިގެންނެވުމަށް ޒޫމާވަނީ އިންކާރުކުރައްވައިފައެވެ. އެއާއެކު އޭނާ ޖަލުގައި ބަންދުކުރުމަށް ދެކުނު އެފްރިކާގެ އުއްތަމަ ފަނޑިޔާރުގެ ނައިބު ރޭމަންޑު ޒޮންޑޯވަނީ އެދިވަޑައިގެންފައެވެ.

ޢުމުރުފުޅުން 79 އަހަރުގެ ޒޫމާ ޖަލަށްލުމަށް ޙުކުމުކުރުމުން ހަމަނުޖެހުން އެންމެ ފުރަތަމަ ފެށުނީ އޭނާގެ އުފަންރަށުގައެވެ. ނަމަވެސް އޭގެ ފަހުން އެ ހަމަނުޖެހުންތައްވަނީ މުޅި ޤައުމަށް ފެތުރިފައެވެ. އެ ގޮތުން ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމުގެ އިތުރުން ތަންތަން ލޫޓުވުމާއި ލާއިންސާނީ ބޮޑެތި ޖަރީމާތައްވަނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ހިންގައިފައެވެ. ދެކުނު އެފްރިކާގެ ސަރުކާރުން ބުނެފައިވަނީ މަރުވި 276 މީހުންގެ ތެރެއިން 168 މީހުންނަކީ ޤަސްތުގައި މަރާލާފައިވާ މީހުންކަމަށާއި އެ މައްސަލަތައް ތަޙްޤީޤުކުރަމުންދާކަމަށެވެ.

ދެކުނު އެފްރިކާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ފަޤީރުކަމުގެ ޙާލަތާއި ނަޞްލީ ތަފާތުކުރުމުގެ މައްސަލަތައްވަނީ އިތުރުވެފައެވެ، ދެކުނު އެފްރިކާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހަމަނުޖެހުންތަކުގެ ސަބަބުން ލިބުނު ގެއްލުން އެތައް ބިލިޔަން އެމެރިކާ ޑޮލަރަކަށް އަރާނެއެވެ.