ޚަބަރު

އެމެރިކާގެ އަންހެން ޓީމު މޮޅުވަމުން އައި ސިލްސިލާއަށް ނިމުމެއް ގެނެސްފި


އެމެރިކާގެ އަންހެން ފުޓުބޯޅަ ޓީމު މޮޅުވަމުން އައި ސިލްސިލާއަށް ސްވިޑަނުން ނިމުން ގެނެސްފިއެވެ.

ރަސްމީކޮށް މިއަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅަ އިވެންޓުގައި އެމެރިކާވަނީ ސްވިޑަންއާއި ވާދަކުރި މެޗުން ބަލިވެފައެވެ. މިމެޗާއި ހަމަޔަށް އެމެރިކާގެ އަންހެން ފުޓުބޯޅަ ޓީމުވަނީ ބަލިނުވެ 44 މެޗު ހަމަކޮށްފައެވެ.

އަންހެން ފުޓުބޯޅައިގެ ދުނިޔޭގެ ޗެމްޕިއަން އެމެރިކާއިން މޮޅުވަމުން އައި ސިލްސިލާއަށް ސްވިޑަން ނިމުމެއް ގެނެސްފައިވާއިރު، މި މެޗުން އެމެރިކާ ބަލިވެފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ. ޓޯކިޔޯގެ އަޖިނޮމޮޓޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެމެރިކާގެ ފަރާތުން ފެނިފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 25ވަނަ މިނެޓުގައި ސްވިޑަންއިންވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓީނާ ބްލެކްސްޓިނިއަސްއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން 4 ވަނަ މިނެޓްގައި ސްވިޑަންއިންވަނީ އިތުރު ލަނޑެއްޖަހާ އެމެރިކާގެ ޓީމު ސިއްސުވާލާފައެވެ. މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ބްލެކްސްޓިނިއަސްއެވެ. މެޗުގައި ސްވިޑަންއިން ޖެހި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 72ވަނަ މިނެޓްގައި ލީނާ ހާޓިގެވެ. މިމެޗުން ބަލިވުމުން ގުރޫޕް ޖީގައި ކުރިއަށް ދިޔުމަށް އެމެރިކާއަށްވަނީ އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.

އެމެރިކާއިންވަނީ އަންހެން ވަރލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. 2019ވަނަ އަހަރު އެމެރިކާއިން ވަރލްޑް ކަޕް ކާމިޔާބުކޮށްފައިވަނީ އެ ޤައުމުގައި މުބާރާތް ކުޅެގެންނެވެ. ދެން އެމެރިކާއިން އަންހެން ވަރލްޑް ކަޕް ކާމިޔާބުކޮށްފައިވަނީ 2015ވަނަ އަހަރުއެވެ.