ޚަބަރު

23 އަހަރުން ދަށުގެ ޒުވާން ޓީމު ބަހްރެއިންގައި ކޭމްޕް ކުރަނީ


23 އަހަރުން ޤައުމީ ޓީމު ބަހްރެއިނުގައި ކޭމްޕްކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ން ބުނެފިއެވެ.

23 އަހަރުން ދަށުގެ ޤައުމީ ޓީމު ބަހުރެއިންގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރު ކުޅުމަށް ހަމަޖެހިފައިވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ މެޗުތަކުގެ ކުރިންނެވެ. ކޮލިފައިންގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީވެސް ބަހުރެއިންގައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ 23 އަހަރުން ދަށުގެ ޤައުމީ ޓީމް ބަހުރެއިންގައި ކުޅޭ ކޮލިފައިން މެޗުތަކުގެ ކުރިން 10 ދުވަހުގެ ކޭމްޕެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އާންމު ގޮތެއްގައި މުބާރާތް ބާއްވާ ޤައުމުތަކުގައި ޓީމްތަކުން ކޭމްޕް ކުރަނީ އެ ޤައުމުގެ މާޙައުލަށް ހޭނުމުގެ ގޮތުންނެވެ. މިއީ އޭޝިޔާގެ ޤައުމުތަކުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.

23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް އެފްއޭއެމުން ކުރަމުންދާއިރު، ކުރިން އެ ޓީމުގެ ކޯޗަކަށް ހުރީ ޤައުމީ ސީނިއަރ ޓީމުގެ ކޯޗު ނެދަލެންޑްސްގެ ރެނޭ ހިޑިންކެވެ. އެކަމުގެ މަޝްވަރާތައް އެފްއޭއެމުން ކުރަމުންދާއިރު، މި ހިނގާ ޢީދު ބަންދަށްފަހު 23 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗިން ސްޓާފުން އިޢުލާން ކުރެވިގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި 11 ގުރޫޕު ހިމެނޭއިރު، ކޮންމެ ގުރޫޕައަކުންވެސް އެއްވަނަ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، މި 11 ގުރޫޕުގެ ތެރެއިން ދެން ދެވަނަ ބުރުން ޖާގަ ލިބޭނީ ދެވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ 4 ޤައުމަކަށެވެ. ކޮލިފައިންގައި ރާއްޖެއާއެކު އެއް ގުރޫޕެއްގައި ހިމެނެނީ އީރާން، ބަހްރެއިން އަދި އަފްޣާނިސްތާންއެވެ.

ރާއްޖޭގެ ފުރަތަމަ މެޗްގައި އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހު ނުކުންނާނީ އިރާނާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި 29ވަނަ ދުވަހު ބަހްރެއިންއާއި ދެކޮޅަށް ކުޅުމަށްފަހު ގުރޫޕުގެ ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ އަފްޣާނިސްތާނާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޒުވާން ޤައުމީ ޓީމު އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިނުގައި އެންމެ ފަހުން ވާދަކޮށްފައިވަނީ 2019ވަނަ އަހަރުގައެވެ.