ޚަބަރު

ވެކްސިން ފުރިހަމަކޮށް 14 ދުވަސް ނުވާ ފަތުރުވެރިންނަށް ގެސްޓް ހައުސްތަކަށް ޗެކް-އިން ނުވެވޭނެ


ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންގެ ތެރެއިން ކޯވިޑްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ. ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ގެސްޓްހައުސްތަކަށް ޗެކް-އިން ވުމާ ގުޅޭ ގޮތުން އެޗްޕީއޭއިން މިރޭ އާއްމުކޮށްފައިވާ އުސޫލަށް އަމަލު ކުރަން ފަށާނީ ޖުލައިމަހުގެ 26އިން ފެށިގެންނެވެ.

ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ގެސްޓްހައުސްތަކަށް ޗެކް-އިން ވުމުގައި ބަލާ ކަންތައްތައް:


* ޑަބްލިޔުއެޗްއޯއިން އިމަރޖެންސީ އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޯވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައި ނުވާ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ނުވެވޭނެ. އެހެންނަމަވެސް ގެސްޓްހައުސްތަކަށް ޗެކް-އިން ކުރާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނަށް ޗެކް -އިން ވެވޭނެ
* ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮތުން
* މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮތުން.

ކޯވިޑްގެ ވެކްސިން ފުރިހަމަ ނުވާ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކްއިންވުމުގައި ބަލާ ކަންތައްތައް:


* ރަށުގައި ދިރިއުޅޭ އާބާދީގެ %60 އަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވުން
* ރަށުގައި ފަތުރުވެރިން ނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް %95 މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުން
* ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ %90 މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ވެފައިވުން
* ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިން ގެ ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުން

މިގޮތަށް އަމަލު ކުރަމް ފެށިނަމަވެސް ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާ ޤައުމުތަކުގައި ބަލީގެ ޙާލަތު އޮތްގޮތަށް މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޗެކް-އިން ކުރުމުގައި އަމަލުކުރާ އުސޫލަށް ބަދަލު ގެނެވޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.