ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި


ރައީސް ނަޝީދަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކުރި 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިމައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ޢަމުރު ނެރެފައިވަނީ މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ހައްޔަރުކުރި 3 މީހުންނެވެ. އެއީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު ރަޝީދާއި، މއ. ފޭރުގެ، މުޖާޒް އަހުމަދުގެ އިތުރުން ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދުއެވެ. މި ތިން މީހުންގެ ބަންދުގެ މުއްދަތު އެކިފަހަރުމަތިން މީގެ ކުރިންވަނީ އިތުރުކޮށްފައެވެ.

މި ތިން މީހުންވެސް ހިމެނޭގޮތަށް މިމައްސަލާގައި ފުރަތަމަ ހައްޔަރުކުރި 4 މީހުންގެ ތަޙުޤީގު ނިންމައި ދައުވާކުރުމަށް ފުލުހުން މިހާރުވަނީ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށްވެސް ފޮނުވާފައެވެ. މިމައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ނުވިނަމަވެސް މިމައްސަލައިގައި ދަޢުވާކުރަން ފޮނުވާފައިވާ، ލ. ގަމު ދުންފިނި އުފާ އަޙްމަދު ފާތިހު މިހާރު ހުރީ 30 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ.

މިމައްސަލައިގައި ފަސްވަނަ މީހަކުވެސް ދެނެގަނެވިފައިވާކަން ފުލުހުން ހާމަކޮށްފައިވާިއރު، ފުލުހުން ވިދާޅުވީ މި ހަމަލާދިނުމުގައި ބައިވެރިވި މީހުންގެ އިތުރުން ހަމަލާދިނުމުގެ ފަހަތުގައި ތިބެ އެކަމަށް ޚަރަދުކުރީ ކޮންބައެއްތޯވެސް ހޯދާނެކަމަށެވެ.

މެއި މަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީ ކޮޅަށް ހިންގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި އެއަނިޔާތަކަށް މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.