ޚަބަރު

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް ބަލީގައި އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ކޯވިޑް ޖެހިގެން މިއަދު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއާއެކު މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 218އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 199 ދިވެހިންނާއި 19 ބިދޭސީންނެވެ. މިބަލީގައި އިއްޔެވެސް ދިވެއްސަކުވަނީ ނިޔާވެފައެވެ. އިއްޔެ ނިޔާވެފައިވަނީ ބ.އަތޮޅު ކޯވިޑް ސެންޓަރުގައި ފަރުވާދެމުންދިޔަ 91 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވެ މިބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރުވަނީ ވަރަށް މަދުކުރެވިފައެވެ. މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންނަށްވުރެ މިހާރު ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވާ މީހުންނެވެ.

ޢީދު ބަންދާ ދިމާކޮށް މިދުވަސްވަރު ގިނަ ބަޔަކު އަތޮޅުތެރެއަށް ދަތުރުކުރަމުންދާއިރު ރައްކާތެރިކަމަށްޓަކާ ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.