ޚަބަރު

2032ވަނަ އަހަރުގެ އޮލިމްޕިކްސްއާއި ޕެރަލިމްޕިކް ގޭމްސް ބްރިޒްބޭންގައި


2032ވަނަ އަހަރުގެ އޮލިމްޕިކްސްއާއި ޕެރަލިމްޕިކް ގޭމްސް އޮސްޓްރޭލިއާގެ ބްރިޒްބޭންގައި ބޭއްވުމަށް ނިންމައިފިއެވެ.

އިންޓަރނޭޝަނަލް އޮލިމްޕިކްސް ކޮމެޓީންވަނީ 2032ވަނަ އަހަރުގެ އޮލިމްޕިކްސްއާއި ޕެރަލިމްޕިކް ގޭމްސް ހޯސްޓް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރި ޤައުމުތަކުގެ ތެރެއިން އޮސްޓްރޭލިއާއަކީ އެންމެ ރަނގަޅު ޤައުމުކަމަށް ނިމިގެންދިޔަ ޖޫން މަހުގެ ތެރޭގައި ބުނެފައެވެ. ނަމަވެސް އެ ކޮމެޓީގެ އެގްޒެކެޓިވް ކޮމެޓީ ބައްދަލުވުމެއްގައި މިއަދުވަނީ މިކަމަށް އާނ ބަސްބުނެ، 2032ވަނަ އަހަރުގެ އޮލިމްޕިކްސްއާއި ޕެރަލިމްޕިކް ގޭމްސް ބޭއްވުމުގެ ފުރުސަތު އޮސްޓްރޭލިއާގެ ބްރިޒްބޭންއަށް ދީފައެވެ.

މިއީ އޮސްޓްރޭލިއާއިން އެ ޤައުމުގައި އޮލިމްޕިކްސްއާއި ޕެރަލިމްޕިކް ގޭމްސް ބާއްވާނެ ތިންވަނަ ފަހަރެވެ. މީގެ ކުރިން 1956ވަނަ އަހަރުގެ މެލްބަން އަދި 2000ވަނަ އަހަރު ސިޑްނީގައި ވަނީ އޮޮލިމްޕިކްސް ބާއްވާފައެވެ. ތިންވަނަ ފަހަރަށް އޮސްޓްރޭލިއާގައި އޮލިމްޕިކްސް އާއި ޕެރަލިމްޕިކް ގޭމްސް ބޭއްވުމުގެ ފުރުސަތު ލިބުމާއެކު އެ ޤައުމުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ މިއީ ވަރަށް ތާރީޚީ ދުވަހެއްކަމަށާއި ބްރިޒްބޭންގެ އިތުރުން މިއީ މޮޅި އޮސްޓްރޭލިއާއަށްވެސް ލިބުނު ޝަރަފެއްކަމަށެވެ. ސިޑްނީގައިވެސް ގޭމްސް ބޭއްވިދާނެކަމަށާއި ނަމަވެސް އޮސްޓްރޭލިއާގެ އެހެން އަވަށްތަކުގައިވެސް ގޭމްސްއެއް ބޭއްވިގެން ދިއުމަކީ ޤައުމަށް ލިބޭ ކުރިއެރުމުގެ އިތުރުން ބްރިޒްބޭންއަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މުުޅި ދުނިޔެއަށް ބްރިޒްބޭން އިޝްތިހާރުވެގެންދާނެކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.

2032ވަނަ އަހަރުގެ އޮލިމްޕިކްސްއާއި ޕެރަލިމްޕިކް ގޭމްސް އޮސްޓްރޭލިއާގެ ބްރިޒްބޭންގައި ބޭއްވުމަށް އެ ޤައުމުން ހުށައެޅި ބިޑްއަށްވަނީ ވަރަށް ބޮޑު ތާއީދެއް ލިބިފައެވެ. އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީންވަނީ އޮސްޓްރޭލިއާއިން ހުށައެޅި ބިޑުގައި ހިމެނޭ ގިނަ ތަންތަނުގައި މެޗްތަށް ކުޅުމާއި މާސްޓަރ ޕެލޭންގެ އިތުރުން ބޮޑެތި މުބަރާތްތައް ބޭއްވުމުގެ ތަޖުރިބާއަށް ވަރަށް ބޮޑަށް ބަލާފައެވެ. މިކަންކަމަށް ބަލާއިރު އޮސްޓްރޭލިއާގެ ބިޑު ރަނގަޅުކަމަށް އައިއޯއައިސީން ބުންޏެވެ.

2019ވަނަ އަހަރުން ފެށިގެން އައިއޯއައިސީންވަނީ އޮލިމްޕިކްސްއާއި ޕެރަލިމްޕިކް ގޭމްސް ބޭއްވުމަށް ކުރާ ބިޑަށް ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަށް ގެނެސްފައިވަނީ ޤައުމުތަކުން ގޭމްސަށް ކުރާ ޚަރަދު ކުޑަކުރުމުގެ ބޭނުމުގައެވެ. މިއާއެކު ގިނަ ޤައުމުތަކުން ގޭމްސް ބޭއްވުމަށް ޝައުޤުވެރިވާން ފެށިއެވެ. އޭގެ ތެރޭގައި އިންޑޮނޭޝިއާ، ޗައިނާ، ދޯހާ، ޤަތަރު، ހަންގޭރީ އަދި ޖަރުމަން ހިމެނެއެވެ.

2024ވަނަ އަހަރުގެ ގޭމްސް ބާއްވާނީ ފްރާންސްގައެވެ. އަދި 2028ވަނަ އަހަރުގެ ގޭމްސް ބާއްވާނީ އެމެރިކާގައެވެ.