ކޯވިޑްގެ ނުރައްކާ ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދެ އަހަރެއްހާ ދުވަސް ފަހުން އާއިލާތައް ކައިރިއަށް ރަށްރަށަށް ޒިޔާރަތްކުރުމަށް ލިބިފައިވާ މިފުރުޞަތުގައިވެސް އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެެއެވެ.
އަޟްޙާ އީދުގެ ތަހުނިޔާ ވިދާޅުވަމުން ކުރެއްވި ޓުވީޓެއްގައި މަބްރޫކްވަނީ އާއިލާތަކާއެކު ޗުއްޓީ ހޭދަކުރާއިރުވެސް ކޯވިޑުން ދިފާއުވުމަށް ޞިއްޙަތާބެހޭ މާހިރުން ދެއްވާފައިވާ އިރުޝާދުތަކަށް އެއްގޮތަށް މާސްކު އެޅުމަށާއި، ސެނިޓައިޒްކުރުމަށާއި، ގިނަގިނައިން އަތް ދޮވުމަށާއި އަދި ގިނަ މީހުން އެއްވެ ނޫޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ހަނދާންކޮށްދެއްވާފައެވެ. މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ ކޯވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ރައްޔިތުން ރަށްރަށަށް ދަތުރުކޮށް އީދު ފާހަގަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ވެކްސިން ރާއްޖެއިންވަނީ 259،761 ފުރިހަަމަ ކޮށްފައެވެ. ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ހާލަތުން ދުރުކޮށްދޭ ކަމަށާއި، ނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލުކޮށް އާންމު ފަރުދުންގެ ޒިންމާ އަދާކޮށްގެންކަމަށްވެސް މަބްރޫކްވަނީ ވިދާޅުވެފައެވެ.
ކޯވިޑްގެ ކޭސްތައް ރާއްޖޭގައި އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ހަރުކަށި ފިޔަވަޅުތަކެއް އަޅާ ބަލި ކޮންޓްރޯލްކުރަން ފެށީ މިބަލީގައި ގިނަބަޔަކު ޕޮޒިޓިވްވެ ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވާން ފެށުމުންނެވެ. އެއީ މިބަލީގައި މިހާތަނަށް ރާއްޖެއިން ތަޖުރިބާކުރި އެންމެ ނުރައްކާތެރި ރާޅެވެ. ފިޔަވަޅުތަކާއެކު ކޭސްތައް މަދުވުމުގެ ސަބަބުން ގިނަ ބައެއްގެ އެދުމާއެކު ޢީދު ބަންދާއި މިނިވަންދުވަހާ ދިމާކޮށް ލިބުނު މި ބޮޑު ޗުއްޓީގައި ރަށްރަށަށް ދެވޭގޮތަށް އެޗްޕީއޭއިންވަނީ ލުއިތަކެއް ދީފައެވެ. އެހެންނަމަވެސް ކޯވިޑްގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.