ޚަބަރު

ބާސެލޯނާއަށް ގްރީޒްމަން ވިއްކާލުމުގައި އުނދަގޫތަކެއް


ބާސެލޯނާއިން ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ވިއްކާލުމުގައި އެ ކުލަބަށް ގިނަ އުނދަގޫތާކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

އެންޓޮއިން ގްރީޒްމަން ބޭނުންވާކަން ބައެއް ކުލަބުތަކުން ވަނީ ހާމަކޮށްފައެވެ. ގްރީޒްމަން ދޫކޮށްލަން ބާސެލޯނާއިން ބޭނުންނަމަވެސް އެ ކުލަބަށް ވަނީ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، ކުލަބުގެ މާލީ ޙާލަތު ހުރި ގޮތުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބާސެލޯނާއަށް ޖެހިފައިވުމާއި ލަލީގާގައި ބާސެލޯނާއިން ފަހުން ގަތް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައިވެސް އެކުލަބަށްވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ބާސެލޯނާއިމް ގްރީޒްމަން ދޫކޮށްލަން ބޭނުންވެފައިވާއިރު، 5 ކުލަބަކުން ގްރީޒްމަން ހޯދުމަށްވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. 30 އަަހަރުގެ ގްރީޒްމަން ހޯދުމަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އޭނާގެ ކުރީގެ ކުލަބް އެތުލެޓިކޯ މެޑުރިޑުންނެވެ. މީގެ އިތުރުން ޕީއެސްޖީ، ބަޔާން މިއުނިކް، ޗެލްސީ އަދި ޔުވެންޓަސްވެސް ފާހަގަކޮށްލެވެއެވެ.

ބާސެލޯނާއިން އުންމީދުކުރި ވަރުގެ ކުޅުމެއް ނިމިގެންދިޔަ ސީޒަނުގައި ގްރީޒްމަންއަށް ދެއްކިފައެއް ނުވެއެވެ. އެކުލަބުން އެތުލެޓިކޯ މެޑުރިޑުގެ ސައުލް ނިގޭޒްއާއި ގްރީޒްމަން ބަދަލުކުރުމަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އަދި ޕީއެސްޖީއާއި ބަޔާން މިއުނިކުން ގްރީޒްމަން ބޭނުންވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މިކަމަށް މި ދެ ކުލަބުން އެއްބަސްނުވުމާއި ގުޅިގެން މި މަޝްވަރާތަށްވެސް ކުރިއަށްދާ ގޮތެއް ނުވިއެވެ.

ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ގްރީޒްމަން ހޯދުމަށް ރަސްމީކޮށް މަސައްކަތްކޮށްފައިނުވާއިރު، އެޓީމުންވެސް ދަނީ ފޯވާޑެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އިޓަލީގެ ޔުވެންޓަސްއިންވެސް ގްރީޒްމަން ބޭނުންވާއިރު، އެކުލަބުން ބޭނުމްވަނީ ޕައޮލޯ ޑިބާލާ އާއި ގްރީޒްމަން ބަދަލުކުރުމަށެވެ. ނަމަވެސް ޑިބާލާގެ މިހާރުގެ ފޯމްގެ ސަބަބުން މިވާހަކަތަށްވެސް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަކަށް ނުދެއެވެ.

2019ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާއަށް ގްރީޒްމަން ބަދަލުވެފައިވަނީ 135 މިލިއަން ޑޮލަރަށެވެ. ބާސެލޯނާއަށް ގްރީޒްމަން ކުޅެދިން 99 މެޗްގައި އޭނާވަނީ އެޓީމްއަށް 35 ގޯލް ޖަހާދީފައެވެ.