ވިޔަފާރި

ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 423.3 މިލިއަން ރުފިޔާގެ އާމްދަނީއެއް


މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 423.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދާއި އަޅާ ބަލާއިރު، 0.07 އިންސައްތަ އިތުރު އަދަދެކެވެ. މި ނިމުނު ދެ ކުއާޓަރުގައިވެސް ސާފު ފައިދާގެ ގޮތުގައި 60 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް އެކުންފުންޏަށްވަނީ ލިބިފައެވެ.

އެމްޓީސީސީން އަންނަނީ މިއަހަރުގެ މިހާތަނަށް ރަނގަޅު ފައިދާއެއް ހޯދަމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 61.7 މިލިއަން ރުފިޔާ އެމްޓީސީސީއަށްވަނީ ލިބިފައެވެ. އެމްޓީސީސީން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 63 މިލިއަން ރުފިޔާއެވެ. މި ނަތީޖާއާއެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 7.84 ރުފިޔާއަށް އަރާފައެވެ.
އެމްޓީސީސީއަށް އާމްދަނީ އިތުރުވެފައިވަނީ ބިންހިއްކުމާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގައިގެން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

އަދި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ދަތުރުފަތުރު ކުރުންތައް މަޑު ޖެހުމުން، އެ ދާއިރާއިން އެމްޓީސީސީއަށް ލިބުނު އާމްދަނީވަނީ ދެވަނަ ކުއާޓަރުގައި ދަށްވެފައެވެ. ރައްޔިތުންގެ ކުންފުނި އެމްޓީސީސީއަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ހިއްސާއެއް އަދާކުރާ ކުންފުންޏެކެވެ.

ރާއްޖޭގެ އުތުރާއި ދެކުނުން ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް އެމްޓީސީސީން ހިންގަމުންއަންނައިރު މި ކުންފުނީގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ އަސާސީ ޚިދުމަތްތައް ވީހާވެސް އަވަސްކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މަގުހެދުމާއި، ބިންހިއްކުމާއި، ބަނދަރުހެދުން، ދަތުރުފަތުރުގެ ޚިދުމަތާއި، އެއަރޕޯޓުހެދުމުގެ މަސައްކަތްތަކަކީ އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތަކެވެ.