ވިޔަފާރި

އެކި ފަންތީގެ ފަތުރުވެރިކަމުގެ އެނދުތައް ތަރައްޤީކުރަން ޖެހޭ: ޓޫރިޒަމް މިނިސްޓަރ


ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން ދުނިޔޭގައި ވާދަވެރި މަންޒިލަކަށް ރާއްޖެ ހެދުމަށް ފަތުރުވެރިކަން ސިންދަފާތުކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓްތައް މެދުވެރިކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް ޚިދުމަތްދޭ އެކި ފެންވަރުގެ ފަތުރުވެރިކަމުގެ އެނދުތައް ތަރައްޤީކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ސިންދަފާތު ކުރުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓް ވަށާ ޖައްސާލަން ބޭނުންވަނީ، ވަށާޖައްސަން ބޭނުންވަނީ ދުނިޔޭގެ ފެންވަރުގައި ވާދަކޮށްލެވޭ ގޮތަށް، އެގޮތުން އަލްޓްރާ ލަގްޒަރީ ތަންތަނުން ފެށިގެން ތަފާތު އެކި ކަހަލަ ތަންތަނުން ގޮސް ހޯމް ސްޓޭއާއި ހަމައަށް މި އަންނަނީ، " މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިންނަށް ޚިދުމަތްދޭ އެކި ކަހަލަ ފެންވަރުގެ ތަންތަން ތަރައްޤީ ކުރި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބުގެ އެއްބައި ކަމުގައިވާ 'ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް' ކަމަށާއި، އެކަންތައް ހިމާޔަތްކުރަން ޖެހޭނެ ކަމަށެވެ.

" އެކަންތައް ހިމާޔަތްކުރަން ޖެހޭނެ ހުރިހާ ޕްލޭނެއް ހަދާއިރުވެސް، ޕްލޭންތައް ތަންފީޒްކުރުމުގައިވެސް، ހުރިހާ ކަމެއްގައިވެސް، ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ޖެހޭ ހިމާޔަތްކުރަން، ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގެ އެއްބައި އެއީ،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުވެގެންދާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ފުޅާވެގެންގޮސް ފަތުރުވެރިކަމުގެ ނަފާ ގިނަ އަދަދެއްގެ ބަޔަކަށް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.