ޚަބަރު

އިތުރު 362 މީހުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި ކޯވިޑު ވެކްސިންގެ 2 ވަނަ ޑޯޒް، އިތުރު 362 އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 259000 މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 362 މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 12 މީހުންނާއި އަތޮޅުތެރެއިން ދެވަނަ ޑޯޒް ޖެހި 350 މީހުންނެވެ. މިއާއެކު ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 259761 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 92 މީހަކު ވަނީ ޖަހާފައެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 320،887 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ސިނޯފާމް ވެކްސިންގެ އިތުރުން، ކޯވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް އެޗް.ޕީ.އޭއިން އަލުން ވަނީ ފަށާފައެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެދޭގޮތް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އީދު ބަންދަށް އެޕޮއިންޓްމަންޓް ހެއްދުން މަނާ މެދުކަނޑާލާފައެވެ.