ޚަބަރު

ކޯވިޑް-19ގެ ޙާލަތުގައި މުސްލިމުން އިތުރު ޢީދެއް ފާހަގަކޮށްފި


ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މުސްލިމުން އިތުރު ޢީދެއް ފާހަގަކޮށްފިއެވެ.

އަޟްޙާ ޢީދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތެރޭގައި ދިރިއުޅޭ މުސްލިމުން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމުގެ އިތުރުން ބޮޑެތި ޖާފަތްތަކާއި ޢާންމު އެއްވުންތައް ބާއްވައެވެ. ނަމަވެސް މި ފަހަރުގެ ޢީދަށްވަނީ ކޯވިޑް-19ގެ އިތުރުން ބަލިމަޑުކަމުގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓުގެ ހިޔަނި އެޅިފައެވެ. އެހެންކަމުން ގިނަ ޤައުމުތަކުގައި ޢީދު ފާހަގަކޮށްފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާއެކުއެވެ.

އަޟްޙާ ޢީދުގެ އިތުރުން ޙައްޖުގެ އަޅުކަމަށްވެސްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެ ގޮތުން ޢާންމުކޮށް 2.5 މިލިޔަން މީހުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މި ފަހަރު ބައިވެރިވެފައިވަނީ 60،000 މީހުންނެވެ. ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު މި އަހަރު ދީފައިވަނީ ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި ދިގު މުއްދަތަކަށް ބޭސްކުރަން ނުޖެހޭ މީހުންނަށެވެ. އަދި ޤައުމުން ބޭރުން އަންނަ މީހުންނަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު މި އަހަރުވެސް ސަޢުދީ އަރަބިއްޔާގެ ސަރުކާރުން ދީފައެއް ނުވެއެވެ. ޙައްޖުގެ އަޅުކަން މި އަހަރުވެސް ކުރިޔަށްގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކުއެވެ.

ދުނިޔޭގައި މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި ޢީދު ފާހަގަކޮށްފައިވަނީ ޑެލްޓާ ވޭރިއެންޓުގެ ވަރުގަދަ ރާޅެއްގެ ތެރޭގައެވެ. އިންޑޮނޭޝިޔާގެ ޙާލަތު ގޯސްވެފައިވަނީ މޭއި މަހުގެ ތެރޭގައި ފާހަގަކުރި ފިޠުރު ޢީދުގައި ގިނަ ބަޔަކު އެއްވެ އުޅުމުންކަމަށާއި ރައްކާތެރި ފިޔަވަޅުތަކަށް ޢަމަލު ނުކުރުމުންކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ. އެހެންކަމުން އަޟްޙާ ޢީދުގައި ގޭގައި ޢީދު ނަމާދުކުރުމަށާއި ކާފިޔުއާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އިލްތިމާޞްކޮށްފައެވެ.

މެލޭޝިޔާގައި ޢީދު ފަހަގަކޮށްފައިވަނީ ފުރަބަންދުގެ އުޞޫލުތައް އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން އެ ޤައުމުގައި ޢީދާ ދިމާކޮށް ދަތުރުކުރުމާއި ގޭގެއަށް ޒިޔާރަތްކުރުންވަނީ މަނާކޮށްފައެވެ. އަދި އެ ޤައުމުގައި ޢީދު ނަމާދުކޮށްފައިވަނީ ގައިދުރުކަމުގެ ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ.

އިރާނުގައިވެސް ޢީދު ފާހަގަކޮށްފައިވަނީ ފުރަބަންދުގެ އުޞޫލުތައް އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ބައެއް ޤައުމުތަކުންވަނީ ޢީދާ ދިމާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައިފައެވެ. އެ ގޮތުން ޞިއްޙީ މާހިރުންގެ ލަފަޔާ ޚިލާފަށް ބަންގްލަދޭޝްގެ ސަރުކާރުންވަނީ އެ ޤައުމުގައި އިޢުލާންކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޢީދާ ދިމާކޮށް ނިމުމަކަށް ގެނެސްފައެވެ. އޭގެ އިތުރުން މިޞްރާއި އިންޑިޔާފަދަ ޤައުމުތަކުގައި ޢީދުގެ އެއްވުންތައް ނުބޭއްވުމަށްވަނީ ބާރުއަޅައިފައެވެ.

އަޟްޙާ ޢީދު އައިސްފައިވަނީ ކޯވިޑް-19 ފެތުރުން މަޑުޖެހިފައި އޮތުމަށްފަހު ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅަކާ ދުނިޔެއިން ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.