ޚަބަރު

އެކްސްޕޯ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވާނެ


އެކްސްޕޯ މޯލްޑިވްސް 2015ގައި ބައިވެރިވުމަށް ފޯމު ހުށައެޅުމުގެ ސުންގަޑި މާދަމާ މެންދުރު ދެގަޑި ސުންމިނެޓަށް
ހަމަވާނެއެވެ.



އެކްސްޕޯ މޯލްޑިވްސް 2015ގައި ބައިވެރިވުމުގެ ސުންގަޑި މާދަމާ ހަމަވާއިރު އެންމެ ފަހުވަގުތާ ހަމައަށް ނުތިބެ
މައުރަޒުގައި ބައިވެރިވުމުގެ ފޯމު ހުށައެޅުމަށް މައުރަޒު އޮފީހުންވަނީ
އެދިވަޑައިގެންފައެވެ.

މިހާރުވެސް މައުރަޒުގައި ބައިވެރިކުރާ ބައެއް ތަކެތި
ދަރުބާރުގޭގައި ހުންނަ މައުރަޒު އޮފީހަށް ގެންގޮސްފައިވާއިރު މައުރަޒުގައި
ބައިވެރިކުރާ ތަކެތި ހުށައަޅަންޖެހޭ ތާރީޚްވަނީ ޑިސެމްބަރު ފަހަކަށް
އިތުރުކޮށްދީފައެވެ. އެހެންކަމުން އެންމެ ލަސްވެގެންވެސް އެދުވަހަށް ތަކެތި
ހުށައެޅުމަށް މައުރަޒު އޮފީހުން އިލްތިމާސްކުރެއެވެ.



އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރައިގެ ޗެއާމަން
އަދި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބުދުﷲ މުހައްމަދު ވިދާޅުވީ
މިހާރު ތަކެތި ހުށައަޅަމުންދާ ފަރާތްތަކުންވެސް އެތަކެތީގެ ނަމާއި އަދި ވިއްކާ
އަގުފަދަ މަޢުލޫމާތު ހިމެނުމަށް އިންކަންދޭންޖެހޭކަމަށެވެ.



އަބްދުﷲ މުހައްމަދު
ވިދާޅުވީ މައުރަޒުން ދޫކުރަނީ 70 ސްޓޯލްކަމަށާއި އޭގެ ތެރެއިން 60 ސްޓޯލް
މިހާރު ދޫކޮށްފައިވާކަމަށެވެ.



ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް މައުރަޒު ބާއްވާއިރު އާންމުންނަށް މައުރަޒު ހުޅުވާލާފައި ހުންނާނީ 23 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށްކަމަށް މައުރަޒު އޮފީހުން މަޢުލޫމާތުދެއެވެ. 

މިގޮތުން ހުކުރު ދުވަސްނޫން
ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އަށް އަދި
ރޭގަނޑު 8:00 އިން މެންދަމު 12:00 އަށް މައުރަޒު ހުޅުވިފައި ހުންނާނެކަމަށް މައުރަޒު
އޮފީހުން މަޢުލޫމާތުދެއެވެ.

މިފަހަރުގެ މައުރަޒުގައި ދިވެހި ކޮންމެ
އުފެއްދުމަކަށްވެސް ޖާގަދެވޭއިރު ދިވެހިން އާންމުކޮށް ކުރާ މަސައްކަތްތަކުގެ
ތެރެއިން 10 މަސައްކަތެއް ވަގުތުން ކުރަނިކޮށް ފެންނަގޮތަށް އިންތިޒާމް
ކުރެވިފައިވާނެކަމަށްވެސް މައުރަޒު އޮފީހުން މަޢުލޫމާތުދެއެވެ.