ޚަބަރު

އަފްޣާނިސްތާނުގެ ރައީސް ޢީދު ނަމާދުކުރެއްވީ ރޮކެޓު ޙަމަލާތަކެއްގެ ތެރޭގައި


އަޟްޙާ ޢީދު ނަމާދުކުރަމުންދިޔަ ވަޤުތު އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރު ހުންނަ ސަރަޙައްދަށް ރޮކެޓު ޙަމަލާތަކެއް ދީފިއެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ޢީދު ނަމާދުކުރައްވާފައިވަނީ ރިޔާސީ ގަނޑުވަރުގެ ގޯތި ތެރޭގައެވެ. އަދި އެ މަންޒަރުތައްވަނީ ޓީވީ މެދުވެރިކޮށް ދުރަށް ދައްކައިފައެވެ. ޢީދު ނަމާދުކުރަމުންދިޔަ ވަޤުތު ރިޔާސީ ގަނޑުވަރު ހުންނަ ސަރަޙައްދަށް ރޮކެޓު ޙަމަލާތަކެއްވަނީ ދީފައެވެ. ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ވަށައިގެން ރޮކެޓު ޙަމަލާތަކެއް ދެމުންދިޔަ ނަމަވެސް ޣަނީވަނީ ނަމާދު ހުއްޓާނުލައްވައި ކުރިޔަށްގެންދަވައިފައެވެ.

އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާއިން ބުނީ ރޮކެޓު ޙަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށާއި އެ ޙަމަލާތައް ދިނީ ކޮން ބައެއްކަމެއް ނޭނގޭކަމަށެވެ. އަދި އެ ޙަމަލާތައް ދީފައިވަނީ އަފްޣާނިސްތާނުގެ ޢަދުއްވުންކަމަށްވެސް އެ ވުޒާރާއިންވަނީ ސިފަކޮށްފައެވެ.

ޢީދު ނަމާދުކުރަމުންދިޔަ ވަޤުތު ރިޔާސީ ގަނޑުވަރު ހުންނަ ސަރަޙައްދަށް ރޮކެޓު ޙަމަލާތަކެއް ދީފައިވަނީ އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކަށް ޠާލިބާން ޖަމާޢަތުގެ ވަރުގަދަ ޙަމަލާތަކެއް ޢަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ 15 އެންބަސީއަކާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަޟްޙާ ޢީދަށް ޠާލިބާނުންގެ ޙަމަލާތައް ހުއްޓާލުމަށްފަހު ޞުލްޙަ ޤާއިމުކުރަން ގޮވާލައިފައެވެ. އެ ބަޔާން ނެރެފައިވަނީ ޤަޠަރުގައި ބޭއްވި އަފްޣާނިސްތާނުގެ ޞުލްޙައިގެ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބި ނިންމާލިކަން އިޢުލާންކުރުމުންނެވެ.