ދުނިޔޭގެ ވިޔަފާރި

އޯޕެކުން ބާޒާރަށް ނެރޭ ތެލުގެ މިންވަރު އޯގަސްޓުން ފެށިގެން އިތުރުކުރަން ނިންމައިފި

ތެލުގެ އަގު ހަމަޔަކަށް އެޅެންދެން އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯރޓިންގް ކަންޓްރީޒް (އޯޕެކް) އިން ބާޒާރަށް ނެރޭ ތެލުގެ މިންވަރު އަންނަ އޯގަސްޓުން ފެށިގެން އިތުރުކުރަން ނިންމައިފިއެވެ.

އާދީއްތަ ދުވަހު އޯޕެކްގެ ވަޒީރުންގެ މެދުގައި ބޭއްވި ބައްދަލުވުމުން މި ނިންމުން ނިންމީ ކޯވިޑްގެ ބަލިމަޑުކަމަށްފަހު ތެލުގެ އަގު ވަރަށްބޮޑަށް އުފުލިގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ. މި ނިންމުމާއެކު ތެލުގެ އަގަށްވަނީ ގާތްގަޑަކަށް 4 ޑޮލަރުގެ ދަށްވުމެއް އައިސްފައެވެ. ބްރެންޓް ބެންޗު މާކުގައި އިއްޔެ ތެލުގެ އަގު ހުރީ ފީފާއެއް 69.36 އެމެރިކާ ޑޮލަރަށެވެ.

ތެލުގެ މިންވަރު އިތުރުކުރުމަށް އޯޕެކަށް މީގެކުރިން ގޮތެއް ނުނިންމިފައިވަނީ ސަޢޫދީ ޢަރަބިއްޔާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާއި ދެމެދު ތެލުގެ ކޯޓާގެ މައްސަލައިގައި އުފެދުނު ހިތްހަމަނުޖެހުންތަކެއްގެ ސަބަބުންނެވެ.

ނަމަވެސް އަންނަ އަހަރު މެއި މަހުންފެށިގެން އައު ކޯޓާއެއްގެ ދަށުން ތެޔޮ އުފައްދަން މެމްބަރު ޤައުމުތަކުން މިހާރުވަނީ އެއްބަސްވެފައެވެ.

ޔޫއޭއީގެ ހަކަތައާއި ބެހޭ ވަޒީރު ވިދާޅުވީ މި އެއްބަސްވުމާއިމެދު އެ ޤައުމުން ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް މި ގޮތަށް އެއްބަސްވީ ކޮން ސަބަބަކާއިހުރެކަން ސަޢޫދީގެ ހަކަތާއިބެހޭ ވަޒީރު ހާމަކޮށެއްނުދެއްވިއެވެ.
ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އޯޕެކުން އުފައްދަމުން ދިޔައީ ދުވާލަކަށް 10 މިލިއަން ފީފާގެ ތެލެވެ. އަދި މިހާރު މި ޢަދަދު ވަނީ 5.8 މިލިއަނަށް ދަށްވެފައެވެ.

މިއަހަރުގެ އޯގަސްޓްމަހުން ފެށިގެން ޑިސެމްބަރާއި ހަމައަށް ދުވާލަކު 2 މިލިއަން ފީފާގެ ތެޔޮ އިތުރަށް ބާޒާރަށް ނެރޭނެކަމަށް އޯޕެކުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި މި އެއްބަސްވުން އަންނަ އަހަރު ނިމެންދެން ބޭއްވުމަށްވެސް ޤައުމުތަކުންވަނީ އެއްބަސްވެފައެވެ.
ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ސަޢޫދީ އާއި ޔޫއޭއިން އެއްބަސްވީނަމަވެސް އިތުރު ބޮޑު ކޯޓާއަކާއިނުލައި އަންނަ އަހަރު ޑިސެމްބަރުގެ ފަހުން ތެޔޮ އުފައްދަން ސަޢޫދީން ހުށަހަޅާފައިވާ ހުށަހެޅުމަށް ޔޫއޭއީން އިންކާރު ކުރެއެވެ. މި ޚިޔާލުތަފާތުވުން ޙައްލުކުރުމަށް އަންނަ އަހަރު މެއި މަހުން ފެށިގެން އައު ކޯޓާތަކެއް ޤައުމުތަކަށް ދޭން އޯޕެކުން ވަނީ އެއްބަސްވެފައެވެ.

މިއާއެކު އަންނަ އަހަރު މެއި މަހުން ފެށިގެން ޔޫއޭއީން އުފައްދާ ތެލުގެ މިންވަރު ދުވާލަކަށް 3.5 މިލިއަން ފީފާއަށް އިތުރުވާނެއެވެ. މިހާރު އެ ޤައުމުން އުފައްދަނީ ދުވާލަކަށް 3.168 މިލިއަން ފީފާއެވެ. ސަޢޫދީ އަރަބިއްޔާ އާއި ރަޝިއާއިން އުފައްދާ ތެލުގެ މިންވަރު 11.5 މިލިއަން ފީފާއަށް އަރައެވެ.

އިރާނާއި ދުނިޔޭގެ ބާރުތަކުގެ މެދުގައި ޤާއިމުކޮށްފައިވާ ނިއުކްލިއަރ އެއްބަސްވުމާއިމެދު ގޮތެއް ނިންމިއްޖެނަމަ އީރާނުންވެސް ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރު ކުރުން އެކަށީގެންވާ ކަމަށް ސަޢޫދީ ރަސްގެފާނު ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. އަދި މިގޮތަށް ދިމާވެއްޖެނަމަ ތެލުގެ މައްސަލައިގައި އޯޕެކުން މިހާރު ޢަމަލުކުރަމުންދާ ގޮތަށް ބަދަލުއައުން އެކަށީގެންވާކަމަށްވެސް ރަސްގެފާނު ވިދާޅުވިއެވެ. ޢީރާނުން ދުވާލަކަށް 1.5 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރޭނެކަމަށް މާހިރުން ވިދާޅުވެއެވެ.