ޚަބަރު

އެމްޑަބްލިއުއެސްސީން އިތުރު އާރު.އޯ ޕްލާންޓެއް ޤާއިމުކުރަނީ


އެމް.ޑަބްލިޔު.އެސް.ސީގެ ފެންއުފެއްދުމުގެ މަސައްކަތް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ކުރިޔަށްގެންދިއުމަށް ކުރެވޭ މަސައްކަތުގައި  މާލޭގައި އާރު.އޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ހިޓާޗީ އެކުވަޓެކް އިންޖިއަނިރިންގްއާ ޙަވާލުކޮށްފިއެވެ.އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުއެވެ. އަދި ހިޓާޗީ އެކުވަޓެކް އިންޖިއަނިރިންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޓަންގ ޗޭވީއެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު، ވިދާޅުވީ އެއްބަސްވުމުގެ ދަށުން ފަސްހާސް ޓަނުގެ އާރު.އޯ ޕްލާންޓެއް ބެހެއްޓޭނެ ކަމަށާއި، މި ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ އަމިއްލަ ބިމެއްގައި ކަމަށެވެ. އަދި އާރު.އޯ ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރުވެސް އެކުންފުންޏާއި ގުޅިގެން ކުރައްވަމުންގެންދަވާކަމަށް ފަޒުލް ވިދާޅުވިއެވެ.ރިވާސް އޮސްމޯސިސް ނުވަތަ އާރ.އޯ ޕްލާންޓަކީ ލޮނުފެން މީރު ފެނަށް ބަދަލުކުރުމަށް ބޭނުންކުރާ ނިޒާމެކެވެ.ހިޓާޗީ އެކުވަޓެކް އިންޖިއަނިރިންގްއާ ހަވާލުކޮށްގެން މާލޭގައި އަލަށް ހަދާ އާރ.އޯ ޕްލާންޓަށް 2 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ހާމަކުރެއެވެ.