ޚަބަރު

މިއަދު ހަވީރު 4އިން 8އަށް މާލޭގެ މަގުތަކުގައި އުޅޭނީ ފައިމަގުގައި


އަޟްޙާ ޢީދާ ގުޅިގެން މިއަދު މާލޭގައި ހަވީރުގަޑީގައި ހިނގާފައި އުޅޭގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ މިއަދު ހަވީރު 4 އިން ފެށިގެން ރޭގަނޑު 8 ޖެހުމާހަމައަށެވެ. މިވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވީ ނަމަވެސް ސަލާމަތީ ޚިދުމަތްތަކުގެ އުޅަނދުފަހަރާއި އިމަރޖެންސީ ޙާލަތްތަކުގައި ކޮންމެހެން ދުއްވަންޖެހޭ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ކޯވިޑްގެ ޙާލަތުގައި ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ބަންދުވެގެން ގިނަ ބަޔަކު ތިބުމަށްފަހު މިފަދަ ދުވަހެއްގައި ބޭރުގައި އުޅެވޭނެ ފަސޭޙަ ގޮތެއް ހައްދަވައިދެއްވުމަށް ރައްޔިތުން އެދުމުން ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ފުލުހުންނާއި ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ކަމަށް ކައުންސިލުން ވިދާޅުވެއެވެ. ހިނގާފައި އުޅޭ ގަޑިތަކުގައިވެސް ކޯވިޑްއިން ރައްކާތެރިވުމަށް ގައިދުރުކަން ބެހެއްޓުމަކީ މުހިއްމުކަމެކެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ގިނަ ބަޔަކު އަންނަނީ މި ބަންދާއި ދިމާކޮށް އަތޮޅުތަކަށް ދަތުރު ކުރަމުންނެވެ.