ޚަބަރު

އެމެރިކާ އާއި ޗެކް ރިޕަބްލިކްގެ ކުޅުންތެރިއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ޓޯކިޔޯ އޮލިންޕިކްސް ފެށެން 3 ދުވަހަށް ވެފައިވަނިކޮށް އެތުލީޓުންތަކެއް ކޯވިޑް-19އަށް ޕޮޒިޓިވްވާން ފަށައިފިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޖަޕާންގެ ސަރުކާރުން މިފަހަރުގެ އޮލިންޕިކްސް ޓޯކިޔޯގައި ކުރިއަށް ގެންދާތީ އެގައުމުގެ ބައެއް ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ ޑަބް.ލިއު.އެޗް.އޯއިންވެސްވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މިފަދަ ބޮޑު މުބާރާތެއް ކުރިއަށްގެންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިންޕިކްސް މުބާރާތުގައި ބައިވެރިވާ ޓީމުތަކުން މިހާރު ޓޯކިޔޯއަށް ދާން ފަށާފައިވާއިރު، އެމެރިކާގެ ޖިމްނާސްޓިކް ޓީމްގެ އެތުލީޓެއްވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެޓީމްގެ އެހެން އެތުލީޓެއްވަނީ ޑައިރެކްޓް ކޮންޓެކްޓަކަށްވުމުން އެކަހެރިކޮށްފައެވެ. އަދި މިހާރު މި ދެ އެތުލީޓުންވަނީ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައެވެ. އަދި ޓީމުގެ އެހެން އެތުލީޓުން މިހާރުވަނީ އެތުލީޓުންގެ ވިލެޖަށް ގެންގޮސްފައެވެ.

ޗެކް ރިޕަބްލިކްގެ ބީޗް ވޮލީ ޓީމްގެ ކުޅުންތެރިއެއްވެސްވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިޓީމްގެ މެންބަރަކުވެސް މީގެ ދެ ދުވަސްކުރިން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ޗެކްރިޕަބްލިކްގެ ބީޗް ވޮލީ ޓީމުގެ މެންބަރު ޓޯކިޔޯއަށް ގޮސްފައިވަނީ ޕެރަގުއާއި އިންނެވެ.