ޚަބަރު

ޠާލިބާނުންގެ ޙަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލައިފި


އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި ޠާލިބާން ޖަމާޢަތުން ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލައިފިއެވެ.

އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ 15 އެންބަސީއަކާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިޔަށް އޮތީ އަޟްޙާ ޢީދުކަމަށާއި ޠާލިބާނުންގެ ޙަމަލާތައް ހުއްޓާލުމަށްފަހު ޞުލްޙަ ޤާއިމުކުރުން މުހިންމުކަމަށެވެ. މީގެ ކުރީގެ ޢީދުތަކުގައި ޠާލިބާނުންވަނީ ޙަމަލާބަދަލުކުރުން މެދުކަނޑާލައި ޢީދު ފާހަގަކުރުމުގެ ފުރުޞަތު އަފްޣާނިސްތާނުގެ ރައްޔިތުންނަށް ދީފައެވެ.

ނޭޓޯގެ އިތުރުން ވިލާތުގެ އިއްތިޙާދާއި އެމެރިކާއާއި އޮސްޓުރޭލިޔާއާއި ކެނެޑާއާއި ޗެކް ރިޕަބުލިކާއި ޑެންމާކާއި ފިންލޭންޑާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތާއި ޖަޕާނާއި ދެކުނު ކޮރެޔާއާއި ނެދަލެންޑްސްސާއި ސުޕެއިންނާއި ސުވިޑަންނުން ގުޅިގެން ބަޔާނެއް ނެރެފައިވަނީ ޤަޠަރުގެ ދައިހާގައި ބޭއްވި އަފްޣާނިސްތާނުގެ ޞުލްޙައިގެ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބި ނިންމާލިކަން އިޢުލާންކުރުމުންނެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް އަލުން މަޝްވަރާތައް ފަށައިފައިވަނީ ބޮޑު މެދުކެނޑުމަކަށްފަހުއެވެ. ފާއިތުވި މަސްތަކުގެ ތެރޭގައި އެކި ފަހަރުގެމަތިން ކުރި މަޝްވަރާތަކުން އަފްޣާނިސްތާނުގެ މައްސަލައަށް ޙައްލެއް ގެނައުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދި ފާއިތުވި ހަފުތާތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި ޠާލިބާނުން ދެމުންދާ ޙަމަލާތަކުގެ ސަބަބުންވެސް ސުލްޙައިގެ މަޝްވަރާތަކަށްވަނީ ހިޔަނިއެޅިފައެވެ.

20 އަހަރު ދުވަހަށްފަހު އެމެރިކާގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިންވަނީ އަފްޣާނިސްތާނުން ފޭބުމަށް ނިންމައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް އެމެރިކާގެ ސިފައިންވެސްވަނީ ފަށައިފައެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ކަންދަހާރުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުވެސްވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ޙަވާލުކޮށްފައެވެ. އެއީ އަފްޣާނިސްތާނުގައި އެމެރިކާއިން ކުރި ގެއްލުންބޮޑު އަދި ދިގު ހަނގުރާމައިގައި ބޭނުންކުރި އަސްކަރީ މައި މަރުކަޒުވެސްމެއެވެ.

ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުވަނީ އެ ޤައުމުގައި ވަރުގަދަކޮށްފައެވެ. ޠާލިބާނުންވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖިކިސްތާނާއި އުޒުބަކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަޙައްދީ ރޮނގުތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ.