ޚަބަރު

ހައިޓީގެ ބޮޑުވަޒީރު އިސްތިޢުފާދެއްވައިފި


ހައިޓީގެ ވަޤުތީ ބޮޑުވަޒީރު ކުލޯޑް ޖޯސެފު އިސްތިޢުފާދެއްވައިފިއެވެ.

ހައިޓީގެ ބޮޑުވަޒީރުގެ މަޤާމާ ވަޤުތީގޮތުން ޙަވާލުވެވަޑައިގެންފައިވާ ޖޯސެފު ވިދާޅުވީ އެނާ އިސްތިޢުފާދެއްވާފައިވަނީ އެ މަޤާމު އޭރިޔަލް ހެންރީއަށް ދެއްވުމަށްކަމަށެވެ. އޭނާ އެ ގޮތަށް ޢަމަލުކުރައްވަން ނިންމެވީ އެއީ ޤައުމަށް އެންމެ ފައިދާވާނެ ގޮތްކަމަށް ވުމުންކަމަށްވެސް ޖޯސެފް ވިދާޅުވިއެވެ. އަދި އޭނާއަކީ އެއްވެސް އިރަކު ވެރިކަން ބޭނުންވެގެން އުޅުއްވި ބޭފުޅެއް ނޫންކަމަށާއި ޤައުމަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެކަމަށްވެސް ޖޯސެފް ވިދާޅުވިއެވެ.

ހައިޓީގެ ބޮޑުވަޒީރުގެ މަޤާމުން ޖޯސެފް އިސްތިޢުފާދެއްވުމުން އެ މަޤާމާ ޙަވާލުވެވަޑައިގަންނަވާ ހެންރީއަކީ ޢުމުރުފުޅުން 71 އަހަރުގެ ޑޮކްޓަރެކެވެ. އަދި އޭނާއަކީ ހުޅަނގުގެ ޤައުމުތަކުގެ ތާޢީދާއި އެއްބާރުލުން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޖުލައި މަހުގެ 7ވަނަ ދުވަހު ހައިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލުމުން ޤައުމު ހިންގަވާފައިވަނީ ޖޯސެފުގެ މޭސްތިރިކަމުގެ ދަށުންނެވެ. މުއީސް އަވަހާރަކޮށްލުމުގެ ދެ ދުވަސްކުރިން އޭނާވަނީ ބޮޑުވަޒީރުގެ މަޤާމަށް ހެންރީ ޢައްޔަންކުރައްވަން ނިންމަވައިފައެވެ. ނަމަވެސް މުއީސް އަވަހާރަކޮށްލުމުން ހައިޓީގައި އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑުވަޒީރުގެ މަޤާމާ ހެންރީ ޙަވާލުވެވަޑައިގަތުންވަނީ މަޑުޖެހިފައެވެ.

ހައިޓީގެ ފުލުހުންވަނީ މުއީސް އަވަހާރަކޮށްލުމަށް ދިން ޙަމަލާއާ ގުޅިގެން ކޮލަންބިޔާއަށް ނިޞްބަތްވާ 18 މީހުންނާއި ހައިޓީއާއި އެމެރިކާއަށް ނިޞްބަތްވާ 3 މީހުން ހައްޔަރުކޮށްފައެވެ. ކޮލަންބިޔާގެ އިތުރު ފަސް މީހަކު އަދިވެސް ހޯދަމުންދާކަމަށާއި 3 މީހަކު މަރާލާފައިވާކަމަށް ހައިޓީގެ ފުލުހުން ބުނެއެވެ.

ހައިޓީގެ ހުދުމުހުތާރު ވެރިކަން 1986ވަނަ އަހަރުގެ ތެރޭގައި ވެއްޓުނުފަހުން އެ ޤައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރެވިފައެއް ނުވެއެވެ. 11 މިލިޔަން މީހުންގެ އަބާދީއެއް އޮންނަ ހައިޓީއަކީ މެދުތެރޭ އެމެރިކާގެ އެންމެ ފަޤީރު ޤައުމެވެ. ސިޔާސީ ހަމަނުޖެހުންތަކުގެ އިތުރުން 2010ވަނަ އަހަރު ހައިޓީއަށް ކުރިމަތިވި ބިންހެލުމުގެ ހާދިޘާއާއި 2016ވަނަ އަހަރު ކުރިމަތިލާން ޖެހުނު ތޫފާނުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެ ޤައުމަށްވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ.