ދުނިޔޭގެ ވިޔަފާރި

ހޮންގކޮންގައި ވިޔަފާރިނުކުރުމަށް އެމެރިކާގެ ކުންފުނިތަކަށް އިންޒާރު ދީފި

އެމެރިކާގެ ކުންފުނިތަކުން ހޮންކޮންގައި ވިޔަފާރިތައް ނުކުރުމަށް އެމެރިކާ ސަރުކާރުން އިންޒާރު ދީފިއެވެ.

އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ސްޓޭޓް، ޓްރެޝަރީ، ކޮމާރސް އަދި ހޯމްލޭންޑް ސެކިއުރިޓީ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ޗައިނާއިން ހޮންކޮންގގެ މައްޗަށް އަޅާފައިވާ ޤައުމީ ސަލާމަތާއިބެހޭ ޤާނޫނުގެ ސަބަބުން ހޮންކޮންގައި ވިޔަފާރިތައްކުރާ އެމެރިކާގެ ކުންފުނިތަކަށް އެތައް ގެއްލުމެއް ލިބޭނެކަމަށެވެ. އަދި މި ޤާނޫނުގެ ސަބަބުން ކުންފުނިތަކުގެ މުވައްޒަފުންނަށާއި މާލިއްޔަތަށް އަދި ޤާނޫނީ ކަންތައްތަކަށްވެސް އަސަރުކޮށްފާއި ވާނެކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ. މީގެއިތުރުން ކުންފުނީގެ ނަން ހަޑިވެ، ވިޔަފާރިތައް ހިންގުމަށް ދަތިވެދާނެކަމަށްވެސް އެމެރިކާއިން ބުނެއެވެ.

މީގެއިތުރުން މި ޤާނޫނުގެ ދަށުން ހޮންކޮންގްގެ ސާރވަރތަކަށް ވަދެ، ރައްކާކޮށްފައި ހުންނަ ޑާޓާތަކާއި އެނޫންވެސް މުހިންމު މަޢުލޫމާތުތައް ޗައިނާއަށް ބޭނުންކުރެވޭނެކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

އިންސާނިއްޔަތަށް ޚިލާފު ޢަމަލުތައް ހިންގާ ކަމަށްބުނެ މި ހަފްތާގެ ކުރީކޮޅު އެމެރިކާއިން ވަނީ ޗައިނާގެ ޝިންޖިއާންގެ ޕްރޮވިންސްގައި ވިޔަފާރިތައް ކުރުންވެސް މަނާކޮށްފައެވެ. ހޮންކޮންގްގައި ހުންނަ ބެއިޖިންގެ އޮފީހުގައި މަސައްކަތްކުރާ 7 އޮފިޝަލުންނާއި ދެކޮޅަށްވެސް އެމެރިކާ ސަރުކާރުން ވަނީ ފިޔަވަޅު އަޅާފައެވެ. މި ކަމާއި ބެހޭގޮތުން ވޮޝިންގްޓަންގައި ހުންނަ ޗައިނީސް އެމްބަސީން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

މިއީ އެމެރިކާއިން މިފަދަ ފިޔަވަޅުތަކެއް ހޮންގކޮންގއާ ދެކޮޅަށް އެޅި ފުރަތަމަ ފަހަރެވެ. މިކަމާއި ބެހޭގޮތުން ހޮންކޮންގުން ވަނީ އެމެރިކާގެ އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި މިއީ ހޮންކޮންގ ބަދުނާމުކުރުމުގެ ޢަމަލެއްކަމަށާއި ހޮންކޮންގް އާއި ޗައިނާގެ ގުޅުމަށް ހުރަސްއަޅާ އެއްވެސްކަމެއް ކާމިޔާބެއް ނުވާނެކަމަށްވެސް ހޮންކޮންގް އިން ބުނެއެވެ.

ޗައިނާއާއި ދެކޮޅަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ޓައިވާން ކައިރީގައި ޗައިނާއިން އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާތީ އެމެރިކާއިން ވަނީ ފާޑު ކިޔާފައެވެ. އަދި ޗައިނާއާއި ހެދި ހޮންކޮންގގެ މިނިވަންކަން ގެއްލޭކަމަށާއި ޝިންޖިއާންގް ޕްރޮވިންސްގައި އިންސާނިއްޔަތާއި ޚިލާފު ޢަމަލުތައް ހިންގާކަމަށްބުނެ އެކަމާއި ދެކޮޅަށްވެސް އެމެރިކާއިން ވަނީ ފިޔަވަޅުތައް އަޅާފައެވެ.