ދުނިޔޭގެ ވިޔަފާރި

ސްޕެއިންގައި ރިޓަޔަރމަންޓް ލަސްކުރާ މީހުންގެ މުސާރަ ބޮޑުކުރަނީ

ޕެންޝަން ސްކީމަށް ގެންނަ ބަދަލުތަކާއި ގުޅިގެން، ރިޓަޔަރމަންޓް ލަސްކުރާ ފަރާތްތަކަށް މުސާރަ ބޮޑުކުރުމަށް ސްޕެއިންގެ ސަރުކާރުން ނިންމައިފިއެވެ.

ސްޕެއިންގެ ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން ރިޓަޔަރމެންޓް ލަސްކުރާ ފަރާތްތަކަށް އަހަރަކު 14000 އެމެރިކާ ޑޮލަރަށްވުރެ އިތުރު ނުވާގޮތަށް މުސާރަ ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ޕެންޝަން ސްކީމަށް ގެންނަ ބަދަލުގެ ތެރޭގައި ހިމެނޭ ގިނަ މުއްދަތަކަށް މަސައްކަތްކުރާ މީހުން އިތުރުކުރުމުގެ ގޮތުން ކުރާ ކަމެކެވެ.

36 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމާއިއެކު ސްޕެއިންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ބަޖެޓަކީ އެ ޤައުމުގެ ދަރަނި ބޮޑުވުމުގެ އެންމެ ބޮޑު ޙިއްޞާއެއް އޮތް ބަޖެޓެވެ. ސްޕެއިންގެ ޕެންޝަން ސްކީމަށް ބަދަލު ގެންނަން އދ އިން މީގެކުރިންވެސް ވަނީ ގޮވާލާފައެވެ. ޕެންޝަން ސްކީމަށް ގެނައި މި ބަދަލު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އަދި ފާސްކުރަން ޖެހެއެވެ.

ސްޕެއިންގެ ސަރުކާރުން ވަނީ 2018 ވަނަ އަހަރު އިންފްލޭޝަން އިތުރުވެފައިވާ ވަރަށް ޕެންޝަންވެސް އިތުރުކޮށްފައެވެ. އަދި ސްޕްއިން އިން ބޭނުންވަނީ 2027 ވަނަ އަހަރު އަންނަންވާއިރަށް ޤާނޫނީގޮތުން ރިޓަޔަރ ވާ ޢުމުރު 65 އަހަރުން 67 އަހަރަށް ބަދަލުކުރުމަށެވެ.

ޕެންޝަނަށް ގެނައި މި ބަދަލުގެ އިތުރު ތަފްޞީލު ވަރަށް އަވަހަށް ސްޕެއިންގެ ސަރުކާރުން ހާމަކުރާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ދުނިޔޭގައި އެންމެ ޢުމުރު ދިގު މީހުން އުޅެނީ ސްޕެއިންގައި ކަމަށް ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާއިން ބުނެއެވެ. އަދި ދުނިޔެއަށް ކުދިން އުފަންވާ މިންވަރުވެސް ޔޫރަޕްގެ މޯލްޓާއަށްފަހު އެންމެ މަދީ ސްޕެއިންގައެވެ. މީގެ ސަބަބުން ސްޕެއިންގެ ވަޒީފާގެ ބާޒާރަށް ކޮންމެ އަހަރަކު އިތުރުވާ މީހުންގެ ތެރެއިން 40 އަހަރުން މަތީ މީހުންގެ ނިސްބަތަށްވުރެ 25 އަރުން ދަށުގެ ޒުވާނުންގެ ނިސްބަތް 30 އިންސައްތަ ދަށެވެ.