އެއްރަށުން އަނެއްރަށަށް ދަތުރުކުރާ ފަރާތްތަކުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ސަރުކާރުން ވަނީ ކޯވިޑްގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެއްވާފައެވެ. އެގޮތުން ކޯވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ވުމުން ކޯވިޑަށް ޓެސްޓް ކުރުމަށްފަހު ނެގެޓިވް ނަތީޖާއަކާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގު ހުއްދަ ދީފައެވެ. އަދި ކޯވިޑް ޖެހި، ބަލިން ރަނގަޅުވެފައިތިބި މީހުންނަށްވެސް ވަނީ 60 ދުވަހުގެ ތެރޭގައި ދަތުރުކުރުމުގެ ހުއްދަދީފައެވެ.
އެހެންނަމަވެސް ބައެއް ފަރާތްތަކުން މި އުސޫލުތަކާއި ހިލާފަށް އަމަލުކުރަމުންދާކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.
ފުލުހުން ވިދާޅުވީ އެޗްޕީއޭގެ އުސޫލާއި ޚިލާފަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެކަމާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލާފައި ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންނަމަވެސް ދަތުރު ކުރާ މީހުން ދަތުރު ކުރަނީ އުސޫލާއި އެއްގޮތައްތޯ ބެލުމަކީ ކައުންސިލްތަކުގެ މަސްއޫލިއްޔަތެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
އެއްރަށުން އަނެއްރަށަށް ދަތުރުކުރާ ފަރާތްތަކުގެ އަތުގައި ވެކްސިން ކާޑު އޮތްތޯއާއި ވެކްސިން ފުރިހަމަ ކުރިތާ 14 ދުވަސް ފުރިހަމަ ވެފައިވޭތޯ ބެލުން އެއީ ކައުންސިލްތަކުގެ ޒިންމާއެކެވެ. ނަމަވެސް އެއް ފަހަރާ ގިނަ ބަޔަކު ދަތުރު ކުރާއިރު މިކަންކަން ބެލުމަށް ދަތިތަކާއި ކުރިމަތިވާކަމަށް ބައެއް ކައުންސިލްތަކުން ބުނެއެވެ.
ދެހަފްތާއަށްވުރެ ގިނަ ދުވަހަށް ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވާއިރު ޢީދު ބަންދާއި މިނިވަން ދުވަހާ ދިމާކޮށް މާލެ އިން ގިނަ ބަޔަކު ދަނީ ރަށްރަށަށް ޒިޔާރަތްކުރަމުންނެވެ. އަދި ޗުއްޓީއަށްފަހު އޮފީސްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 1 ވަނަ ދުވަހުއެވެ.