 
										
			މަސްމާރުކޭޓް މަތީ ފަންގިފިލާގައި ޤަވާޢިދާ ޚިލާފަށް ހިންގާ ތަންތަން ހުސްކުރުމަށް އަންގައިފިއެވެ.
 
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މާލޭ ރޯމަސް މާރުކޭޓުގެ މަތީބުރި ފަންގިފިލާގައި ހުރި، މީހުން ނިންދަވާތަންތަނާއި ފިހާރައާއި ގުދަން ފަދަ ތަންތަން، މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށް އެއިދާރާއިން ކުރި އިޢުލާނާއި ގުޅިގެން، ރަސްމީ ލިޔުމެއް އެއިދާރާއަށް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ. އެހެން ނަމަވެސް އެތަނުގައި ހުރި މީހުން ނިންދަވާ ތަންތަނާއި ފިހާރައާއި ގުދަން ފަދަ ހުރިހާ ތަނެއްގައިވެސް މުދަލާއި ތަކެތި ހުރިކަން އެއިދާރާއަށް ފާހަގަކުރެވެފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. 
ސިޓީ ކައުންސިލުން ވިދާޅުވީ، އެތަނުގައި ހުރި "ލިސްޓޯ" ފިހާރަ ފިޔަވައި އެހެނިހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެފަރާތަކުން އެތަނަކަށް ވައްދާފައިވާ މުދަލާއި ތަކެތި، ލަސްވެގެން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އެތަންތަން ނެރެ، ހުސްކުރަން ޖެހޭނެ ކަމަށެވެ. 
އަދި  އެމުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު އެއިދާރާއިން ނިންމާގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށާއި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް އެއިދާރާއިން ޒިންމާ ނުވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. 
މާރުކޭޓުތަކުގެ ޚިދުމަތްތަކަށް ގިނަ ބަދަލުތަކެއް ގެނައުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، ސިޓީ ކައުންސިލްގެ އަމާޒަކީ ޒަމާނީ އާ މާރުކޭޓުތައް ތަރައްޤީކުރުމެވެ.