ޚަބަރު

ރައްޔިތުން ބޭނުންވިގޮތަށް ހަނިމާދޫ އެއަރޕޯޓުގެ ބިމާގުޅޭ މައްސަލަ ޙައްލުކޮށްދެއްވައިފި


ހަނިމާދޫ ރައްޔިތުން އެންމެ ބޭނުންވި ގޮތަށް އެއަރޕޯޓުގެ ބިމާއި ގުޅޭގޮތުން އުފެދުނު މައްސަލަ ސަރުކާރުން ޙައްލު ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ހަނިމާދޫ އެއަރޕޯޓުގެ ބިމާބެހޭގޮތުން، ހަނިމާދޫ ރައްޔިތުންގެ ތެރެއިން ބޭފުޅުން ކޮޅަކާއޮ ބައްދަލުކުރައްވައި އެކަމުގައި ރައްޔިތުން އެދޭގޮތް ހޯއްދެވުމުގެ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހަނިމާދޫގައި ފެންވަރު ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމުގެ މުހިންމުކަމާއި، އޭގެ ސަބަބުން ހަނިމާދޫއާއި މުޅި ބޮޑު ތިލަދުންމައްޗަށް ލިބިގެންދާނެ މަންފާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މި އެއަރޕޯޓާ ގުޅިގެން އެކި ފަރާތްތަކުން ފާޅުކުރަމުންގެންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ އެއަރޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށްކަމަށެވެ. އެގޮތުން އެތަނުގައި ބޭރު ޤައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭ ކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިޔަށް އަންނަ ސަރުކާރުތަކުންވެސް އެފަދަކަމެއް ކުރާނެކަމަށް ޤަބޫނުކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއަރޕޯޓު ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ގެނެވެންހުރި ބަދަލުތަކާމެދު މަޝްވަރާކޮށް، ރައްޔިތުނަށް އެންމެ ފައިދާވާނެ ގޮތަކަށް މި މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްގެންދެވުން ކަމުގައެވެ.

މިބައްދަލުކުރެއްވުމަށްފަހު ޕީއެސް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑެވްލޮޕްމެންޓް ފައްޔާޒް އިސްމާޢީލް ވިދާޅުވީ ހަނިމާދޫ އެއަޕޯޓާއި ގުޅިގެން ހިތްހަމަނުޖެހުންތަކެއް ކުރިމަތިވީ ބަލިމަޑުކަމުގެ ހާލަތުގައި ރައްޔިތުންނާއެކު ކުރަންޖެހޭ މަޝްވަރާތައް ނުކުރެވުމުގެ ސަބަބުންކަމަށެވެ. ފައްޔާޒު ވިދާޅުވީ މިކަމާއި ގުޅިގެން ރައްޔިތުންގެ ހުރިކަންބޮޑުވުމަކީ މަޝްރޫޢު މިހާރު އޮތްގޮތުން ކުރިމަގުގައި ހަނިމާދޫގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ބަލާއިރު ރަނގަޅު ނޫން ކަންތައްތަކެއް ހުރިކަމަށް ޤަބޫލުކުރެވޭތީ ފާހަގަކުރި ކަންތައްތަކެއްކަމަށެވެ.

"ރައީސުލްޖުްމހޫރިއްޔާ ރައްޔިތުންނާއި މިއަދު މަޝްވަރާކުރައްވާފައި ރައްޔިތުން އެންމެ ބޭނުންވާގޮތަށް އަދި އެކަން ކުރެވެން އޮތް އެންމެ ރަނގަޅަށް ރައްޔިތުންނާއެކު މިއަދު އެއްބަސްވެ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓާއިގެން ކުރިއަށްދާންނަން" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ރަށުގެ ޢާންމު ފަރާތްތަކުގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތީ އެމް.އެން.ޑީ.އެފްއަށް ބިން ޚާއްޞަކުރަން ހުށަހަޅާފައިވާ ސަރަޙައްދާއި އެއަރޕޯޓް ރަންވޭ އެކްސްޕޭންޝަންއަށް ޚާއްޞަކުރާ ބިމާމެދުކަމަށެެވެ. އަދި މިހާރު މިމައްސަލަ ނިމިގެން މިދިޔައީ މިކަމުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވި ފަރާތްތަކުންވެސް އެންމެ ބޭނުންވިގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ އޮތީ އައްލައްކަ އަކަފޫޓުގެ ބިމެއް. ދެން މި ބިމުގެ އަސްލުބޭނުމެއްކަމަށް އަޅުގަނޑުމެންނަށް އެނގިފަވަނީ އެއަރޕޯޓުގައި ހޮޓާތަކާއި އެމްއެންޑީއެފަށް ބޭނުންވާ ބިމާގުޅޭގޮތުން. ނަމަވެސް މިހުރި ކަންބޮޑުވުމާއި ގުޅިގެން މިހާރު އެއަޕޯޓަށްް ބޭޏުންވާ ހޮޓާތައް ހެދަންބޭޏުންވާ ބިން އޭގެތެރެއިން އުނިކުރެވި އަދި ހަމައެކަނި އެމްއެންޑީއެފަށް ބޭނުންވާ ބިން ހަމަޖެހިގެން މިދިޔައީ" ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓު ބޮޑުކުރުމަށް ރަށުގެ ބިމުން ބޮޑު ސަރަޙައްދެއް ނެގުމާއި ގުޅިގެން ކައުންސިލާއި މަޝްވަރާކުރުމަށްފަހު ގެންނަންޖެހޭ ބަދަލެއް ގެންނަން ތައްޔާރުކަމަށް ސަރުކާރުން މީގެކުރިންވެސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މުޅި ޕްރޮޖެކްޓަށް އަސަރުނުކުރާގޮތަށް ގެންނަންޖެހޭ ހުރިހާ ބަދަލެއް ރަށު ކައުންސިލުން ބޭނުންވާ ގޮތަށް ގެންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި އިންޑިއާއިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޓަރނެޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.