ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ދެން ކުރިއަށްދާނީ އަޟްޙާ ޢީދުގެ ބަންދަށް ފަހުގައިކަމަށް އެޗްޑީސީން ހާމަކުރައްވައިފިއެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިވަނީ އެޗް 16 ޓަވަރުގެ މީހުންނެވެ.
ހިޔާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން ފްލެޓު އެއްބަސްވުން އެކުލަވާލުމަށް ނިންމާފައިވާ މީހުންނާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ސޮއިކުރަން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ފުރަތަމަ ދުވަހު އެކަނިވެސް އެޗް 9 ޓަވަރުގެ 118 މީހުންނާއެކު އެއްބަސްވުން އެކުލަވާލާ ތަޅުދަނޑިވަނީ ޙަވާލުކޮށްފައެވެ. އަދި ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުވަނީ އެޗް13 ޓަވަރުގެ މީހުންނާއެކު އެއްބަސްވުން އެކުލަވާލާ ތަޅުދަނޑި ޙަވާލުކޮށްފައި ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެކޯޕަރޭޝަނުން ވިދާޅުވީ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ތަޅުދަނޑި ޙަވާލުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ދެން ކުރިއަށްދާނީ ޢީދު ބަންދަށް ފަހު ކަމަށެވެ. އެގޮތުން ޢީދު ބަންދަށްފަހު އަންނަ ހޮނިހިރު ދުވަހު އަލުން މިމަސައްކަތް ކުރިއަށްގެންދާނީ އެޗް16 ޓަވަރުގެ މީހުންނަށް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެކި ދުވަސްތަކަށް ބަހާލައިގެން އެކި ޓަވަރުތަކުގެ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާނެ ގޮތުގެ ތަފްސީލު އެޗްޑީސީއިންވަނީ މިހާރު ހާމަކުރައްވާފައެވެ. މީގެ ދަށުން އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުރިހާ ޓަވަރެއްގައި ހުރި ފްލެޓުތައް ލިބުނު މީހުންނާއި ފްލެޓްތައް ހަވާލުކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އަދި އެކި ސަބަބުތަކަށްޓަކާ އެއްބަސްވުމުގައި ސޮއިކުރަން ނާދެވޭ ފަރާތްތަކަށް ޚާއްސަ އުސޫލެއްގެ ދަށުން އެފުރުސަތު ފަހިކޮށްދީ އެކަން އަންގާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓުތައް ޙަވާލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މިތަންތަނަށް ކަރަންޓު ގުޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި މިފަހްތާގެ ތެރޭގައި އެކަން ނިމޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ހިޔާ ފްލެޓުތަކުން ފައިސާ ނަގަން ފެށުމަށް ހަމަޖެހިފައިވަނީ އެތަނަށް ކަރަންޓު ލައިދެވޭ ހިސާބުންނެވެ. ފްލެޓުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ފްލެޓު ލިބުނު މީހުންނަށްވަނީ 3 މަސްދުވަހުގެ މުހުލަތެއް ދީފައެވެ. އަދި މިމުއްދަތުގެ ތެރޭގައި މިކަން ނުކުރެވޭކަމުގެ ޝަކުވާތަކެއް ވާނަމަ އެކަން ބެލުމަށްފަހު އެމައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެޗްޑީސީއިންވަނީ މީގެކުރިން ވިދާޅުވެފައެވެ.