ދުނިޔޭގެ ވިޔަފާރި

އަޔަރލޭންޑުގެ އިޤްޠިޞާދު އާރާސްތުކުރުމަށް އދ.ގެ އެހީ


ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށާއި އިޤްޠިޞާދު ޑިޖިޓަލްކޮށް ތިމާވެއްޓާއި ރައްޓެހިކުރުވުމުގެ ގޮތުން 1.2 ބިލިއަން އެމެރިކާގެ ޑޮލަރުގެ އެހީ އަޔަރލޭންޑަށް ދޭނެކަމުގެ ފެހި ސިގްނަލް އދ.ން ދީފިއެވެ.

މި އެހީ އަޔަރލޭންޑަށް ދިނުމަށް ހަމަޖެހިފައިވަނީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތަކަށް އެހީވެދިނުމުގެ ގޮތުން އދ.ގެ 27 މެމްބަރު ޤައުމަކުން އެއްބަސްވެފައިވާ 800 ބިލިއަން ޔޫރޯގެ ތެރެއިންނެވެ.

މިއެހީގެތެރެއިން 42 އިންސައްތަ ފައިސާ ބޭނުންކުރާނީ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ކުރިއެރުން ހޯދުމަށް ކަމަށް އަޔަރލޭންޑުން ބުނެއެވެ. އެގޮތުން ފައިދާކުރަނިވި ގޮތެއްގައި ހަކަތަ ބޭނުންކުރާނެ ރަނގަޅު އުޞޫލުތަކެއް ކަނޑައެޅުމާއި ތިމާވެއްޓާއި ރައްޓެހިގޮތަކަށް ދަތުރުފަތުރުތައް ރޭވުމާއި ދިރޭތަކެއްޗާއި އެތަކެތީގެ ވަށައިގެންވާ މާހައުލު ރައްކާތެރިކުރުން ހިމެނެއެވެ.

މީގެއިތުރުން އެ ޤައުމުގެ އާންމު ޚިދުމަތްތަކާއި ކުންފުނިތަކާއި، ސްކޫލްތައްވެސް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން އަޔަރލޭންޑުންވަނީ 32 އިންސައްތައިގެ ބަޖެޓެއް މީގެކުރިން ކަނޑައަޅާފައެވެ.

މަލްޓިނޭޝަނަލް ވިޔަފާރިތައް ޝައުޤުވެރިވާގޮތަށް ދަށް ޓެކްސް ރޭޓެއް އޮންނަ އަޔަރލޭންޑުން މިހާރު ދަނީ މަނީ ލޯންޑްރިންގ ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމަށާއި ޓެކްސް އާއި ގުޅޭ ގިނަ ބަދަލުތަކެއް ގެނައުމަށް ތައްޔާރުވަމުންނެވެ.