ޚަބަރު

މާރާމާރީއެއްގައި އަނިޔާވި ކުއްޖަކަށް އޭޑީކޭގައި ފަރުވާދެނީ


މާލޭގައި މިރޭ އިރާކޮޅު ހިންގި މާރާމާރީއެއްގައި އަނިޔާވި ކުއްޖަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މަޖީދީ މަގާއި މާވެޔޮމަގު ގުޅުނު ހިސާބުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވާ އެކާރުގައި އިން 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ތަޅާ މާރާމަރި ހިންގާފައިވާ ކަމުގެ މަޢުލޫމާތު މިރޭ 6.38ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިމާރާމާރީގައި އަނިޔާވި 14 އަހަރުގެ ކުއްޖާގެ ބޯ ފަޅާއިގެންގޮސްފައިވާތީ އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. މިމާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި. މިމައްސަލަ ތަޙްޤިގު ކުރަމުން އަންނަ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.