ޚަބަރު

އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރަށް ކޯވިޑް-19 ޖެހިއްޖެ


އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު ސާޖިދު ޖަވީދަށް ކޯވިޑް-19 ޖެހިއްޖެއެވެ.

ކޯވިޑް-19 ޖެހިފައިވާކަން ކަށަވަރުކޮށްދެއްވަމުން ޖަވީދު ވިދާޅުވީ އޭނާގެ ގައިން ބަލީގެ ޢަލާމާތްތައް ކޮންމެވެސްވަރަކަށް ފެނުނު ނަމަވެސް ޙާލުކޮޅު ގޯސްނޫންކަމަށެވެ. އަދި ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު އޭނާ ޖަހާފައިވާކަމަށްވެސް ޖަވީދު ވިދާޅުވެފައިވެއެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރުގެ މަޤާމާ ޖަވީދު ޙަވާލުވެވަޑައިގެންފައިވަނީ މީގެ ތިން ހަފުތާ ކުރިންނެވެ. ޖަވީދަށް ކޯވިޑް-19 ޖެހިފައިވަނީ ބަލިމަޑުކަމާ ދެކޮޅަށް އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ލުއިތަކެއް ދިނުމަށް މަސައްކަތްކުރާތީ ޞިއްޙީ ތަޖުރިބާކާރުންވަނީ ކަނބޮޑުވުން ފައުޅުކޮށްފައެވެ.

ދުނިޔޭގައި ކޯވިޑް-19 ޖެހިގެން ހަތްވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިނގިރޭސިވިލާތުގައެވެ. ނަމަވެސް ކުޑަކުދިން ނުހިމަނައި އެ ޤައުމުގެ ތިންބައިކުޅަ ދެބައި މީހުންވަނީ ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނަށްވެސްވަނީ ކޯވިޑް-19 ޖެހިފައެވެ.