ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ހދ. ކުމުންދޫ ޞިއްޙީ މަރުކަޒަށާއި، ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާ ލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުމުންދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ ޙާލަތު ބައްލަވާލައްވާފައި ވާއިރު އެ ސްކޫލުގެ ޖާގައިވެ ދަތިކަން ޙައްލުކުރުމަށް އިމާރާތްކުރާ 12 ކްލާސްރޫމްގެ މަޝްރޫޢު މިހާރު އޮތީ ޕްރީ ޓެންޑަރިންގ މަރުޙަލާގައެވެ.
މި ތަންތަންތަނުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންވަނީ ކުމުންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާ ގޮތްވެސް ބައްލަވާލައްވާފައެވެ. ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތުގެ މިހާރު ކުރިޔަށްދަނީ ވޯޓަރ ނެޓްވާރކްގެ މަސައްކަތާއި އާރު.އޯ ބިލްޑިންގްގެ މަސައްކަތެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ކުމުންދޫ ކުޅީ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ ސަރަޙައްދުވެސް ބައްލަވާ ލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުމުންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، ކުމުންދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.