ޚަބަރު

100 އަހަރުގެ ހާނަންއަށް މެސީގެ ޚާއްޞަ މެސެޖްއެއް


އުމުރުން 100 އަހަރުގެ ޑޮން ހާނަންއަށް މެސީ ޚާއްޞަ މެސެޖެއް ފޮނުވައިފިއެވެ.

ސްޕެއިންގެ ރައްޔިތެއްކަމަށްވާ އުމުރުން 100 އަހަރުގެ ޑޮން ހާނަންއަކީ ބާސެލޯނާ އަދި އާޖެންޓީނާގެ ފޯވާޑް މެސީގެ ވަރަށް ބޮޑު ފޭނެކެވެ. އޭނާވަނީ މިހާތަނަށް މެސީ ބާސެލޯނާ އަދި އާޖެންޓީނާއަށް ޖަހާދީފައިވާ ކޮންމެ ގޯލެއް ނޯޓުކޮށްފައެވެ. ހާނަންވަނީ އޭނާ ގެންގުޅޭ ނޯޓު ފޮތެއްގައި މެސީ ޖަހާފައިވާ ކޮންމެ ގޯލްއަކާއި ގޯލްޖެހި ތާރީޚު އަދި ގޯލް ޖަހާފައިވަނީ ކޮން ކުލަބަކާއި ދެކޮޅަށްކަންވެސް ނޯޓުކޮށްފައެވެ. މިހާ ގިނަ ދުވަސްތަކެއް ވަންދެން ހާނަން މިކަން ކުރާކަން އިނގިގެންދިޔައީ އޭނާގެ ދަނބިދަރި ހާނަންގެ ވީޑިއޯއެއް ޓިކްޓޮކްގައި ހިއްސާކުރުމުންނެވެ.

މި ވީޑިއޯ މިހާރު ޝޯޝަލް މީޑިޔާގެ އެކި ޕްލެޓް ފޯމްތަކުގައި މަޝްހޫރުކަން ހޯދާފައިވާއިރު، މެސީވަނީ ވަރަށް ޚާއްޞަ މެސެޖެއް ހާނަންއަށް ފޮނުވާފައެވެ. އުމުރުން 34 އަހަރުގެ މެސީ ހާނަންއަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ މިއީ ވަރަށް އާދަޔާ ޚިލާފުކަމެއްކަމަށާއި މީގެ ކުރިން އެހެން މީހަކު މިގޮތަށް ސަޕޯޓު ކުރިކަން އެނގިފައިނުވާކަމަށެވެ. އެހެންކަމުން ހާނަންގެ ތި ބުރަ މަސައްކަތަށް ޝުކުރުއަދާކުރާކަމަށާއި ތިކުރާ ސަޕޯޓުވެސް ވަރަށް ބޮޑަށް ބަލައިގެންނަކަމަށް މެސީ ބުންޏެވެ. މިއާއެކު ހާނަންބުނީ އަބަދުވެސް މެސީގެ ކޮންމެ ކަމެއް ބަލަމުންދާކަމަށާއި ދުނިޔޭގައި ހުރިހާ ދުވަހެއްވަންދެން އެ މަސައްކަތް ކުރާނެކަމަށެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީއަށް ސަޕޯޓުކުރާ ފަރާތްތަށް ވަރަށް ގިނައެވެ. އަދި އެކިއެކި ތަފާތު ގޮތްގޮތަށް މެސީއަށް ސަޕޯޓުކުރާ ފަރާތްތަށްވެސް ފެނިގެންދެއެވެ. މިދިޔަ އަހަރު އެންމެ ބޮޑަށް ސޯޝަލް މީޑިޔާގައި ފާހަގަވެގެންދިޔައީ ފަލަސްޠީންގެ ކުޑަ ކުއްޖަކު ކޮތަޅުން މެސީގެ ޖަރޒީއެއްލައިގެން އުޅުނު މަންޒަރެވެ. ފަހުން މެސީވަނީ މި ކުޑަކުއްޖާއަށް މެސީ ސޮއިކޮށްފައިވާ ޖަރޒީއެއް ފޮނުވާފައެވެ.