ޚަބަރު

3 އަހަރަށް މުލަކޭ ސަސްއާ ގުޅިއްޖެ


ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ދޫކޮށް ހުނަރުވެރި މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) މިއަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާއި ގުޅިއްޖެއެވެ. މުލަކޭ ސަސްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފައިވަނީ ރޭ ސަސް ކެފޭގައި ސަސްގެ ސްޕޮންސަރުންގެ އަގުވަޒަންކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިދިޔަ ސީޒަންގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ކެޕްޓަން މުލަކޭވަނީ އެ ކުލަބުގައި މޮޅު ކުޅުމެއްދައްކާފައެވެ. މިދިޔަ ސީޒަނުގައި ސަސްއިން ލީގު ނިންމާލާފައިވަނީ ތާވަލްގެ 6ވަނާގައެވެ.

ސަސްއާއި ގުޅުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލުމާތުދެމުން މުލަކޭ ބުނީ ސަސްއަކީ މިހާރު ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވަން މަސައްކަތްކުރާ ވަރަށް މުހިންމު ކުލަބެއްކަމަށާއި އެޓީމާއި ގުޅުނީ އެ ކުލަބުގެ ހިންގުން ހަރުދަނާ ވުމުންނާއި ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ބަރާބަރަށް ދޭ ކުލަބަކަށް ވާތީކަމަށެވެ.

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަސްއާއި ގުޅުނު ނަމަވެސް މުލަކޭބުނީ ސަސްގައި ގިނަ އަހަރުތަކެއް ވަންދެން މަޑުކުރަން ބޭނުންވާކަމަށާއި ކުލަބުގައި މަޑުކުރުމަށް ކުރަންޖެހުނު ހުރިހާ ހިތްވަރެއްކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަން ބޭނުންވާކަމަށެވެ. އަދި ކުލަބަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދިނުމަށްވެސް މަސައްކަތް ކުރާނެކަމަށް މުލަކޭ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި މުލަކޭވަނީ މާޒިޔާއާއި ދަ ގްރާންޑޭއަށް ކުޅެފައެވެ. ރޭގެ ހަފްލާގައި ސަސްގެ ޕާޓްނަރުންނަށްވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ. އެ ކުލަބުގެ ޕާޓްނަރުންނަކީ ސްޓެލްކޯ، ލިޓަސް ގްރޫޕް، އެސްޖޭ ކޮންސްޓްރަކްޝަން، މޯލްޑިވްސް ވޭވް، ހީނާ މޯބައިލްސް އަދި ފަތަހަ ގްރޫޕެވެ.