ދީން

ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ޑިސެމްބަރުމަހު ބާއްވަނީ


ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް އަންނަ ޑިސެމްބަރުމަހު ބޭއްވުމަށް ނިންމައިފިއެވެ.

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ކޮންމެ އަހަރަކު ބާއްވަމުންގެންދާ، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް، 19 ޑިސެމްބަރު 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވަރޗުއަލްކޮށް ކަމަށާއި، އަދި މުބާރާތާއިގުޅޭ ޤަވާޢިދު ކައިރި މުސްތަޤްބަލެއްގައި އިޢުލާންކުރާނެކަމަށްވެސް އެ މަރުކަޒުން ވިދާޅުވެއެވެ.

މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރެވެ. އަދި ކޯވިޑް-19ގެ ޙާލަތާ ގުޅިގެން މިދިޔަ އަހަރު މި މުބާރާތް ބާއްވާފައެއްނުވެއެވެ. އެހެންނަމަވެސް ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަމުގައި މުބާރާތެއް މިދިޔަ އަހަރު ވަނީ ބާއްވާފައެވެ. އެ މުބާރާތްވެސް ކުރިއަށްގެންގޮސްފައި ވަނީ ވަރޗުއަލްކޮށެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގައި 1200 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުން އެއްވަނަ ޙާޞިލުކޮށްފައިވަނީ އިމާދުއްދީން ސްކޫލްގެ ދަރިވަރު މުޙައްމަދު ސާއީ މުބާރިކެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެންމެ މުހިއްމު އެއް އަމާޒަކީ ޤުރުއާނަށް އަހުލުވެރި ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ.

އަހަރުން އަހަރަށް މި މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށްވެސް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މުބާރާތުގައި ބައިވެރިވާ ކުދިންނަށް ދެވޭ އެލަވަންސް މިހާރަށްވުރެ ރަނގަޅުކުރުމަށް އުސޫލު މުރާޖާކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ.