ޚަބަރު

ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމުން ޙަރީރީ އަނެއްކާވެސް އިސްތިޢުފާދެއްވައިފި


ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމުން ސަޢުދުލް ޙަރީރީ އަނެއްކާވެސް އިސްތިޢުފާދެއްވައިފިއެވެ.

ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމުން ޙަރީރީ އިސްތިޢުފާދެއްވާފައިވަނީ އެ ޤައުމުގައި އައު ސަރުކާރެއް އެކުލަވާލެއްވުމަށް ފާއިތުވި 8 މަސްދުވަހު ކުރެއްވި މަަސައްކަތް ނާކާމިޔާބުވުމުންނެވެ. އިސްތިޢުފާދެއްވުމުގެ ކުރިން ޙަރީރީވަނީ ލުބުނާނުގެ ރައީސް މިޝެލް ޢައުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ޙަރީރީވަނީ އޭނާ އެކުލަވާލެއްވި އައު ސަރުކާރު ޢައުންނަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް ޢައުންވަނީ އެ ހުޅަހެޅުން ބަލައިގަންނަން ދެކޮޅުހައްދަވައި ސަރުކާރުގެ މަޤާމުތަކަށް ބައެއް ބަދަލުތަކެއް ގެނައުމަށް އެދިވަޑައިގެންފައެވެ.

ލުބުނާނުގެ ރައީސާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިސްތިޢުފާދެއްވިކަން އިޢުލާންކުރެއްވުމަށްފަހު ޙަރީރީ ވިދާޅުވީ ޢައުންގެ ހުށަހެޅުންތައް ބަލައިގަނެވެން ނެތްކަމަށާއި ޤައުމު ސަލާމަތްކޮށްދެއްވުމަށް މާތް ﷲއަށް ދުޢާ ދަންނަވާކަމަށެވެ. ރައްދުގައި ޢައުން ވިދާޅުވީ އެ ބައްދަލުވުމުގެ ކުރިންވެސް އިސްތިޢުފާދެއްވުމަށް ޙަރީރީވަނީ ނިންމަވާފައިވާކަމަށެވެ.

ލުބުނާނުގެ ސިޔާސީ ޢާއިލާއަކަށް ނިޞްބަތްވާ އަދި އެ ޤައުމުގެ އެންމެ މަޤްބޫލު ސިޔާސީވެރިޔާގެ އިސްތިޢުފާއާއެކު އޭނާއަށް ތާޢީދުކުރާ މީހުންނާއި އޭނާގެ ފިޔުޗަރ މޫވްމަންޓު ޕާޓީގެ މެންބަރުންވަނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި މުޒާހަރާކުރަން ފަށައިފައެވެ. އެ ގޮތުން އެ މީހުންވަނީ ސަލާމަތީ ބާރުތަކާ ކުރިމަތިލައި މަގުތައް ބަންދުކޮށް ޓަޔަރާއި ޑަސްޓުބިންތަކުގައި ރޯކޮށްފައެވެ.

ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމުން ޙަރީރީ އިސްތިޢުފާދެއްވާފައިވަނީ އެ ޤައުމުގައި ސަރުކާރެއް ޤާއިމުނުކުރާނަމަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި އެ ޤައުމަށް ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަން ކަނޑާލާނެކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ބޮޑުވަޒީރުގެ މަޤާމާ ޙަރީރީ އެންމެ ފުރަތަމަ ޙަވާލުވެވަޑައިގެންފައިވަނީ 2009ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ވެރިކަންކުރުމަށް އެކުލަވާލާފައިވާ އިއްތިޙާދު ރޫޅި ބޮޑުވަޒީރުގެ މަޤާމު އޭނާއަށް ގެއްލުނެވެ. ދެވަނަ ފަހަރަށް އޭނާ އެ މަޤާމާ ޙަވާލުވެވަޑައިގެންފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް 2020ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އޭނާ އިސްތިޢުފާދެއްވީ ސަރުކާރުގެ ފަސާދައާއި ޚިޔާނާތުގެ ޢަމަލުތައް ގިނަވެ ޢާންމުން ނުކުމެ މުޒާހަރާކުރަން ފެށުމުންނެވެ. ތިންވަނަ ފަހަރަށް އޭނާ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންފައިވަނީ 2020ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބައިރޫތުގެ މައި ބަނދަރުގައި އެއްޗެއް ގޮވުމުގެ ޙާދިޘާއާ ގުޅިގެން ސަރުކާރު އިސްތިޢުފާދިނުމުންނެވެ.