ޚަބަރު

ނަޞްލީގޮތުން އިނގިރޭސިވިލާތުގެ ކުޅުންތެރިންނަށް ދިމާކުރި ބައެއް މީހުން ހައްޔަރުކޮށްފި


އިނގިރޭސިވިލާތުގެ ތިން ކުޅުންތެރިޔަކަށް ނަޞްލީގޮތުން ދިމާކުރިކަމުގެ ތުޙްމަތުގައި ފަސް މީހުން އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އިނގިރޭސިވިލާތުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީވަނީ ނާކާމިޔާބުވެފައެވެ. އެ ގޮތުން ޖޭޑަން ސަންޗޯއާއި ބުކަޔޯ ސަކާ ޖެހި ޕެނަލްޓީވަނީ މަތަކޮށްފައެވެ. އަދި އޭގެ ކުރިން މާކަސް ރަޝްފޮޑު ޖެހި ޕެނަލްޓީ ޢަމާޒުވެފައިވަނީ އަރިމަތީ ދަނޑިއަށެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގެ ވެންބްލީ ސްޓޭޑިޔަމުގައި ކުޅުނު ފައިނަލް މެޗަށްފަހު ގިނަ ޢަދަދެއްގެ މީހުންވަނީ މީސްމީޑިޔާގައި އެ ތިން ކުޅުންތެރިންނަށް ނަޞްލީގޮތުން ދިމާކޮށްފައެވެ. އެއާއެކު އިނގިރޭސިވިލާތުގެ ފުލުހުންވަނީ އެ މައްސަލަ ތަޙްޤީޤުކުރަން ފަށައި ނަޞްލީގޮތުން ދިމާކޮށް، ނަފުރަތު އުފެއްދުމުގައި ބައިވެރިވި މީހުން ހޯދަން ފަށައިފައެވެ.

އިނގިރޭސިވިލާތުގެ ފުލުހުން ބުނެފައިވާ ގޮތުގައި އެ ތުޙްމަތުތަކާ ގުޅިގެން މިހާތަނަށް ފަސް މީހުން ހައްޔަރުކޮށްފައިވާކަމަށާއި އިތުރު ބައެއްގެ މައްސަލަވެސް ބަލަމުންދާކަމަށެވެ. އިނގިރޭސިވިލާތުގެ ފުލުހުން ބުނެފައިވާ ގޮތުގައި ޖުލައި 13ވަނަ ދުވަހުގެ ފަހުން ފުޓުބޯޅައާ ގުޅުން ހުރި 897 މައްސަލައެއް ދެނެގަނެވިފައިވާކަމަށާއި ފައިނަލް މެޗަށްފަހު ހިނގި ޙާދިޘާތަކުގައި 264 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

ކުޅުންތެރިންނާ ނަޞްލީގޮތުން ދިމާކޮށް، ނަފުރަތު އުފެއްދުމުގައި ބައިވެރިވި މީހުން މެޗުތައް ބެލުމަށް ދަނޑަށް ވަނުން މަނާކުރުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ވަޢުދުވެވަޑައިގެންފައެވެ.