ޚަބަރު

އެފްއޭއެމުގެ ޒޯން އޮފީސްތައް ޤާއިމުކުރަނީ


ފުޓުބޯލް އެސޯސިޔޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ކަޑައަޅާ ޒޯންތަކެއްގައި ސަރަޙައްދީ އޮފީސްތަކެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އެ އެސޯސިޔޭޝަންގެ ރައީސް ބައްސާމު އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

2023/24ވަނަ އަހަރުގެ ދިވެހި ޕުރިމިޔަރ ލީގުގެ އައު ފޯމެޓާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބައްސާމު ވިދާޅުވީ އައު ފޯމެޓާއެކު އެންމެ ފުރަތަމަ އެއް ދަނޑެއްގައި މެޗުތައް ކުޅުނު ނަމަވެސް އެފްއޭއެމުން ކަޑައަޅާ ޒޯންތަކެއްގައި ސަރަޙައްދީ އޮފީސްތަކެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މުސްތަޤްބަލުގައި ޒޯނުތަކުގެ މެޗުތައް ކުރިޔަށްދާނީ އެ އޮފީސްތަކުގެ ބެލުމުގެ ދަށުންކަމަށާއި މުޅި ރާއްޖެއަށް ލީގުގެ މެޗުތައް ފުޅާކުރުމުގެ ގޮތުން 100 ދަނޑު އެޅުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް ބައްސާމު ވިދާޅުވިއެވެ.

އެފްއޭއެމުން މުޅި ރާއްޖެއަށް ލީގު ފުޅާކުރުމުގެ ގޮތުން ރެފްރީންނާއި މެޗު ކޮމިޝަނަރުން ތަމުރީންކުރުމުގެ މަސައްކަތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާނެއެވެ. މުޅި ރާއްޖެއަށް ލީގު ފުޅާކުރުމަކީ ވަޒީފާގެ ފުރުޞަތުތައްވެސް އިތުރުވެގެންދާނެކަމެއްގެ ގޮތުގައި އެފްއޭއެމުން ޤަބޫލުކުރެއެވެ.