ވިޔަފާރި

ސަޢޫދީ ދަތުރުގައި ތެލާއި ގުޅޭ މަޝްވަރާވެސް ކުރިއަށް ދާނެ- ޝައިނީ


ރާއްޖެއަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިކުރެއްވުމުގެ ގޮތުން ތެލުގެ ވިޔަފާރިކުރާ މަޝްހޫރު ކުންފުންޏެއްގެ ހުށަހެޅުމެއް ލިބިވަޑައިގެންފައިވާތީ، އެކަމުގެ މުހިންމު މަސައްކަތްތަކެއް މި ހަފުތާގައި ސަޢޫދީ ޢަރަބިއްޔާގައި ދިވެހި ސަރުކާރުން ކުރައްވާނެކަމަށް އެކޮނޮމިކް ކައުންސިލްގެ ކޯ ޗެއަރ ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއަރ އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މުޙައްމަދު ޝައިނީ މި ހެން ވިދާޅުވީ އެމަނިކުފާނާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާ ދެބޭފުޅުން ސަރުކާރުގެ ފަރާތުން ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވަމުން ދެއްވި އިންޓަރވިއުއެއްގައެވެ.

މި ދެބޭފުޅުންގެ ދަތުރުފުޅަކީ ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ކުރައްވަން ނިންމަވާފައިވާ ބައެއް މަސައްކަތްތަކެއް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ ތެރޭގައި ތެލުގެ ވިޔަފާރީގެ މަޝްވަރާތައް ހިމެނިގެންދާނެކަން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ބޮޑެތި މަޝްރޫޢުތަކާ ބެހޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް މި ދަތުރުފުޅުގައި މި ދެވަޒީރުން ކުރައްވާނެއެވެ.

ޕީއެސްއެމް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ރާއްޖެއަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގުފަހި ކުރެއްވުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ކުންފުނިތަކަށް ދޭންޖެހޭ މުހިއްމު މަޢުލޫމާތުތަކެއް ނުދެއްވި ލަސްވެފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިގޮތަށް ކަންތައް ވެފައިއޮތުމުން ކުންފުނިތަކުން އިތުރަށް އިތުބާރު ބޭނުންވާކަމަށާއި، މިދަތުރުފުޅުގައި އެކަމާ ގުޅޭ މަޝްވަރާކުރެވި އެކަން ހަމަޖެހިގެންދާނެކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޢޫދީ ޢަރަބިއްޔާއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅަށްފަހު ޤައުމާ މުޚާތަބުކުރައްވަމުން ވިދާޅުވެފައި ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ސާފުނުކުރާ ތެޔޮވިއްކަން ސަޢޫދީ ސަރުކާރުން ތައްޔާރަށް އޮތްކަމަށެވެ. އަދި އެ ތެޔޮ ސާފުކޮށްދޭން ސިންގަޕޫރުގެ، ތެޔޮ ސާފުކުރާ ކާރުޚާނާތަކުން އެއްބަސްވެފައިވާކަމަށެވެ. އަދި ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް އަގުހެޔޮކޮށް ތެޔޮ ހޯދުމަށް މަޝްވަރާތައް ކުރައްވާފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.