ޚަބަރު

ބ.ފެހެންދޫ ސްކޫލްވެސް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްޤީކުރަނީ


ބ.ފެހެންދޫ ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފެހެންދޫ ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ޤާއިމްކުރާ 02 ކްލާސްރޫމާއި އޮފީސް އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭޑީ އެންޓަރޕްރައިސަސް އާއެވެ.

30 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، މި މަސައްކަތް ހަވާލުކޮށްފައިވަނީ 1,283,128.55 (އެއްމިލިއަން ދެއްލައްކަ އަށްޑިހަ ތިންހާސް ސަތޭކަ އަށާވީސް ރުފިޔާ ފަންސާސް ފަސް ލާރި )އަށެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒްއެވެ. ކޭޑީ އެންޓަރޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ ޓެންޑަރ އޮފިސަރ ޢަބްދުﷲ މާހިރުއެވެ.

ފެހެންދޫ ސްކޫލްގެ އިތުރުން ވ.ރަކީދޫ އާއި ވ.ތިނަދޫ ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިމަހުގެ 4 ވަނަ ދުވަހުވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލް ނެތް ރަށްރަށުގައި ސެޓަލައިޓް ސްކޫލިން ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ މީގެ ކުރިންވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ ސެޓަލައިޓް ސްކޫލިން މެދުވެރިން ކިޔަވައިދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާނެ އިމާރާތެއް ހުންނާނެ ކަމަށާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުން ތިބޭނެކަމަށެވެ. މިގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދެއްވާނެކަމަށާއި ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި އެހެނިހެން ސްލޫލްތަކާއި ގުޅިގެން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ. އެގޮތުން އިންޓަނެޓާއި ކޮމްޕިއުޓަރގެ ވަޞީލަތްތައް ފޯރުކޮށްދޭނެ ކަމަށާއި ކިޔެވުމުގެ އިތުރުން އެހެނިހެން ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި އެހެން ސްކޫލްތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ސެޓަލައިޓް ސްކޫލިން ޤާއިމްކުރުމަށް ނިންމާފައިވާއިރު މީގެ ކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާބާދީ މަދު ސްކޫލްތަކަށް ޚާއްސަކޮށް ވަރޗުއަލްކޮށް ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ސްކޫލް ނެތްއިރު ކުދިން މަދުވުމުގެ ސަބަބުން ކިޔަވައި ނުދެވޭ ސްކޫލްތައްވެސް އެބަހުއްޓެވެ. އެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އަންނަނީ އަތޮޅުގެ ކޮންމެވެސް އެހެން ރަށެއްގެ ސްކޫލަކަށް ގޮސްގެންނެވެ. އެހެންނަމަވެސް ކޮންމެރަށެއްގައިވެސް ދަރިވަރުންނަށް ބޭނުންވާ ތަޢުލީމް އެރަށަކުން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.