ޚަބަރު

ކަރޯކޭ ލައުންޖެއްގައި ކުލަސްޓާއެއް އުފެދި ސިންގަޕޫރުގެ ޙާލަތު އަނެއްކާވެސް ގޯސްވެއްޖެ


ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި އިތުރު ނުވައި މިންވަރަށް ސިންގަޕޫރުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވެއްޖެއެވެ.

ސިންގަޕޫރުގައި މިހާތަނަށް 62،804 މީހުންނަށް ކޯވިޑް-19 ޖެހި 36 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހުނު 60 މީހުންގެ ތެރެއިން 56 މީހުންނަށް ބަލިޖެހިފައިވަނީ މުޖުތަމަޢުގެ ތެރެއިންނެވެ. އޭގެ ތެރެއިން 42 މީހުންނަކީ ކަރޯކޭ ލައުންޖެއްގައި އުފެދުނު ކޯވިޑް-19ގެ ކުލަސްޓާއަކަށް ނިޞްބަތްވާ މީހުންކަމަށް ސިންގަޕޫރުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ. އެ ކުލަސްޓާއިން ބަލިޖެހުނު މީހެއް އެންމެ ފުރަތަމަ ފެނުނީ ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ.

ސިންގަޕޫރުގެ ކޭޓީވީ ލައުންޖުތައް މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ބަންދުކުރިފަހުން އަދި ހުޅުވާފައެއް ނުވެއެވެ. ނަމަވެސް އެ ތަންތަނުގައި ހުންނަ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކުގެ ޚިދުމަތްތައް ދަނީ ދެމުންނެވެ. ބަލިފެތުރިފައިވަނީ އެފަދަ ކާބޯތަކެތި ވިއްކާ ތަނަކުންކަމަށް ބެލެވެއެވެ. އެ ތަންތަނުގައި ޤަވާއިދާ ޚިލާފު ޢަމަލުތައް ކުރަމިންދިޔަ 20 މީހުން ޙައްޔަރުކޮށްފައިވާކަމަށާއި އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް ސިންގަޕޫރުގެ ސަރުކާރުންވަނީ ބުނެފައެވެ.